ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 23:25
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ނުރަސްމީ ގަޑީގައި މަޖިލީހުގެ މުވައްޒިފުންނަށް ވެސް މަޖިލީހަށް ނުވަދެވޭނެކަން އަންގައިފި
ނުރަސްމީ ގަޑީގައި މަސައްކަތްކުރެވޭނީ، "ނުރަސްމީގަޑީގައި އޮފީހަށް ނުކުތުމަށް ހުއްދަދޭ ފޯމް" ފުރިހަމަކުރުމަށް ފަހު
އެ ފޯމްގެ ކޮޕީއެއް އެމްއެންޑީއެފް ޑިއުޓީ ޑެސްކާ ހަވާލުކުރަންޖެހޭ
އެގޮތަށް ނިންމީ މަޖިލީހުގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން

ނުރަސްމީ ގަޑީގައި، ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފުންނަށް ވެސް މަޖިލީހުގެ އިދާރާއަށް ވަދެވޭނީ ސިފައިންގެ ހުއްދަލިބިގެން ކަމަށް އަންގައިފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އަމިންއާންމު ސޮއިކުރައްވާ އާދިއްތަ ދުވަހު އާންމުކުރި މެމޯއެއްގައި ބުނެފައި ވަނީ، މަޖިލީހުގެ އިދާރީ މުވައްޒިފުންނަށް ވެސް މަޖިލީހުގެ އިދާރާގައި ނުރަސްމީ ގަޑީގައި މަސައްކަތް ކުރެވޭނީ، "ނުރަސްމީގަޑީގައި އޮފީހަށް ނުކުތުމަށް ހުއްދަދޭ ފޯމް" ފުރިހަމަކުރުމަށް ފަހު އެ ފޯމްގެ ކޮޕީއެއް އެމްއެންޑީއެފް ޑިއުޓީ ޑެސްކާ ހަވާލުކުރުމަށްފަހު ކަމަށެވެ. އަދި އެގޮތަށް ނިންމީ މަޖިލީހުގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށް މެމޯގައި ބުނެފައިވެއެވެ.

 

ސަރުކާރުން ރިޔާސަތު ކޮންޓްރޯލްކުރަމުން އަންނަ މަޖިލީހުގެ މަސައްކަތް ހުއްޓުވާލާފައިވާއިރު، މިހާރު މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައިވަނީ މަޖިލީހުގެ ފާހާނައިގައި ބޭނުންކުރި ޓިޝޫ ބޮނޑިއެއްގައި ރޯވެގެންނެވެ. އަދި ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެގޮތަށް ސިފައިން ގެންދަނީ މަޖިލީސް ބަލަހައްޓަމުންނެވެ.

 

ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް، މަޖިލީހުގެ އިދާރާއަށް ވަނުމަށް މަސައްކަތްކުރުމާއެކު، ސަރުކާރުގެ ސަލާމަތީ ހިދުމަތްތައް ބޭނުންކޮށް ވަނީ މަޖިލީހުގައި ތަޅު އަޅުވައި، މެމްބަރުންނަށް ހުރަސްތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން އެ ދުވަހުގައި ވަނީ ޔުނީފޯމް އެޅި ސިފައިންނާއި ފުލުހުން މަޖިލީހުގެ ތަޅުމަށް ވަދެ، މަޖިލީހުގެ މެމްބަރުން ގަދަކަމުން ނެރި ބޭރުކޮށްލާފަ އެވެ.

 

ސަރުކާރުން ރިޔާސަތު ކޮންޓްރޯލްކުރާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައިސްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ މެޖޯރިޓީ ނަގައި، ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތްތައް މަޖިލީހުގެ ތެރޭން ފަށައިފަ އެވެ. ސަރުކާރުން މިވަގުތު މަޖިލީސް ކޮންޓްރޯލްކުރަމުން ގެންދަނީ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެމްބަރުން ސޮއިކޮށް، ކަނޑައަޅާފައިވާ ރައީސް އަބްދުﷲ މަސިހު މުހައްމަދާއި، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި ސަލާމަތީ ޚިދުމަތް ދޭ ފަރާތްތައް ބޭނުންކޮށްގެނެނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް