ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) އިން ބާއްވަމުން އަންނަ، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް މިއަހަރު ބާއްވާނީ ކެނަރީފް ރިސޯޓް މޯލްޑިވްސްގައި ކަމަށް ކަނޑައަޅައިފި އެވެ.
ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ އެތުލީޓުންތަކެއް ބައިވެރިވަމުން އަންނަ މި މުބާރާތުގެ 15 ވަނަ މުބާރާތް، މިއަހަރު ބާއްވަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ޑަބްލިއުބީޕީއެފްގެ ބެލުމުގެ ދަށުން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ މުބާރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުބާރާތެކެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑަބްލިއުބީޕީއެފްގެ ރައީސް ދާތުކް ޕޯލް ޗުއާ ވިދާޅުވީ، މިއަހަރުގެ މުބާރާތުގެ ހޯސްޓަކަށް ބީބީއެމް ހަމަޖެއްސަން ނިންމީ އުފަލާ އެކު ކަމަށެވެ. އަދި ބީބީއެމްގެ ރައީސް އިބްރާހީމް ޙަމީދުގެ ލީޑާޝިޕްގެ ދަށުން، ރާއްޖެ އަކީ މި ސަރަހައްދުގައި ބޮޑީބިލްޑިން އަދި ފިޒީކް ކުޅިވަރުގެ އެންމެ ބޮޑޫ އެއް މަންޒިލުގެ ގޮތުގައި ޚަރުދަނާކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ބީބީއެމްގެ ރައީސް ޙަމީދު ވިދާޅުވީ، އަންނަ މަހު އޮންނަ މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ޤައުމުަތަކަށް ފޮނުވާ ކަމަށެވެ. އަދި ބީބީއެމް އާއި ދިވެހި ސަރުކާރު ގުޅިގެން މުބާރާތް ކުރިއަށް ކުރިއަށް ގެންދެވޭއިރު، ރާއްޖޭގައި މުބާރާތް ބޭއްވުމަކީ ރާއްޖެ އަށް ލިބޭ ކާމިޔާބެއް ކަމަށް ވެސް ޙަމީދު ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ތަައިލެންޑުގެ ބެންކޮކުގައި ކުރިއަށް ދިޔަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެތުލީޓުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ހަ މެޑަލް ހޯދާފައެވެ. އެއީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލްއެވެ.