މޯލްޑިވްސް މީޑިއާ ކައުންސިލްއަށް ރާއްޖެއެމްވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ޖަވާބުދާރިވުމަށް އަންގައިފިއެވެ.
މީޑިއާ ކައުންސިލްގެ ފަރާތުން އޮގަސްޓް 10 ވަނަ ދުވަހު ފަޒީން އާއި ހަވާލުކުރި ސިޓީގައި ބުނެފައިވަނީ "އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟" މި ސުރުޙީގެ ދަށުން ފަޒީން ލިޔެފައިވާ ލިޔުމަކާއި ގުޅިގެން އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އެ ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ލިޔުމުން ފަޒީންނަށް ޖަވާބުދާރިވުމަށް އަންގާކަމަށެވެ.
އަބުރުގެ ބިލް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދުގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ ޚަބަރު ލިޔުނު ރާއްޖެ އެމްވީގެ އަޒްމޫން އަހުމަދާ ދެކޮޅަށްވެސް މީޑިއާ ކައުންސިލަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.
މެންބަރު ދާއޫދު މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅުއްވާފައި ވަނީ ރާއްޖެ އެމްވީގައި އަޒްމޫން "ބިޑަކާ ނުލައި ހދ ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި" މިސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރާ ގުޅިގެންނެވެ. އެއީ އަބުރު ގެއްލޭފަދަ ދޮގު ޚަބަރެއް ކަމަށާއި އެޚަބަރުގެ ސަބަބުން މެންބަރު ދާވޫދުގެ ދާއިރާގެ ރައްޔިތުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަފާތު މީސްމީހުންގެ ނަޒަރުގައި އެފަރާތްތަކުން އެމެންބަރާމެދު ކުރަމުން އައި ޤަދަރަށް އުނިކަން ލިބި އެފަރާތްތަކުން ކުރަމުން އައި އިޙްތިރާމަށް ވަނީ ބުރޫ އަރާފައި ކަމަށް މީޑިޔާ ކައުންސިލަށް ހުށަހެޅުއްވި ޝަކުވާގައި ވަނީ ބުނެފައެވެ.