ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދިއުމާއި މެދު ބުރާސްފަތި ދުވަހު ގޮތެއް ނިންމާނެ ކަމަށް ޝަރީއަތުން ވިދާޅުވެއްޖެއެވެ.
ދައުވާ އަށް ޖަވާބްދާރީ ވުމުގެގޮތުން އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ޖެނަރަލް ދީދީގެ ފަރާތުން ވަނީ ދައުވާ އަށް އިންކާރު ކުރައްވާފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ދީދީގެ ވަކީލް ވިދާޅުވީ ދައުލަތުން ކުރާ ޓެރެރިޒަމްގެ ދައުވާގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސީއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެވި ކަމަށް ބުނާއިރު އެފަދަ އަމުރެއް ކުރެއްވިކަން އެނގޭފަދަ ލިޔުމެއް ނުވަތަ އެފަދަ އެންގުމެއް ފެންނަން ނެތް ކަމަށެވެ. ހަމައެހެންމެ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ދީދީ އަށް އަމުރު ކުރި ކަން ނުވަތަ އެންގެވިކަން އެނގޭފަދަ އަމުރެއް ނުވަތަ ލިޔުމެއް ނެތްކަމަށްވެސް ދީދީގެ ވަކީލް ވިދާޅުވިއެވެ.
ދީދީގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސީއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވިކަން ކުރީގެ ޝަރީޢަތްތަކުން ނިންމާފައިވާ ކަމަށާއި އެކަމާމެދު ގޮތެއް ކަނޑައެޅިފައިވާ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ދީދީ ދައުވާ އަށް އިންކާރު ކުރައްވާފައި ވާތީ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތަށް ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި އޭގެ ފަހުން ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މައްސަލަ ކުރިއަށް ގެންދަން ފެނޭތޯ ބަލާ ގޮތެއް ނިންމަވާނެ ކަމަށެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފަށާފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، އަލުން އެ ދައުވާ އުފުލީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.
އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ކުރި ޓެރަރިޒަމުގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައި ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން 2015 ވަނަ އަހަރުގެ ޖޫން 25 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ދެން ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފަވެއެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ. އެގޮތުން އިބްރާހިމް ދީދީ އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ކާނަލް (ރޓޑ) މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 13 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޭރުގެ ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.