ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހޯމަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ހޯމަ ދުވަހުގެ ހަވީރު 4:00 އަށް މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކުރަނީ ރައީސް އަބްދުﷲ ޔާމީން މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި ހިންގާ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށެވެ.
އެ މައްސަލައާ ގުޅިގެން މިމަހުގެ 8 ވަނަ ދުވަހު ވެސް ފުލުސް އޮފީހަށް ހާޒިރުވާން މުސްތަފާ އަށް އެންގި އެވެ. ނަމަވެސް، ފުލުހުން ވަނީ ފަހުން އެ ޗިޓް ކެންސަލް ކޮށްފަ އެވެ.
ޗިޓް ކެންސަލް ކޮށްފައިވަނިކޮށް، މިމަހުގެ 8 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް މުސްތަފާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި މުސްތަފާ ދެއްކެވި ވާހަކަތަކުގެ ތަހްގީގު ކުރަމުންދާއިރު މުސްތަފާ ފިލައިގެން ގޮސްފާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ އެވެ.
މީގެ އިތުރުން އެ އަމުރުން އެނގޭގޮތުގައި މުސްތަފާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ އާއި ސްކްރިޕްޓް ހެކީގެ ގޮތުގައި ފުލުހުންގެ އަތުގައި އެބަހުއްޓެވެ. އަދި މުސްތަފާގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނު އުގޫބާތުގެ 610 ވަނަ މާއްދާގެ (ހ) ދަށުންނެވެ. އެ ގާނޫނުގައި ބުނެފައި ވަނީ ރަޔަޓް ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރުދިނުމާއި އެއިން ކަމަކަށް އެހީތެރިވެދިނުމާއި އެއިން ކަމެއް ކުރުމަކީ ކުށެއް ކަމަށެވެ.
އެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 8 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއެކު މިދިޔަ މަހުގެ ތެރޭގައި ހުށަހެޅި ފަހުން ފުލުހުން ގެންދަނީ ގިނަ އަދަދެއްގެ މެންބަރުންނަށް އެކި ކަހަލަ ތުހުމަތުތައްކޮށް ފުލުސް އޮފީހަށް ހާޒިރުކުރަމުންނެވެ.
އޭގެ އިތުރުން މިހާރު ވެސް ހަތަރު މެންބަރަކު ތިއްބެވީ ފުލުހުންގެ ބަންދުގަ އެވެ.