ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި އިނދެން ފަނޑިޔާރުންގެ ބެންޗުގެ ސްކެޗެއް ކުރެހި މީހަކު ޖޫރިމަނާ ކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އަޑުއެހުމަށް ވަން، ފުނަމާ އާދަމް މަނިކު ފަނޑިޔާރުންގެ ބެންޗު ކުރަހަމުން ދަނިކޮށް ކޯޓް އޮފިޝަލުން ވަނީ އޭނާގެ އަތުން ކަރުދާސްގަނޑާއި ފަންސުރު އަތުލާފަ އެވެ.
އަޑުއެހުން ނިމުމުން ކޯޓް އޮފިޝަލުން ވަނީ އޭނާ ހުއްޓުވައި 2500 ރުފިޔާ އިން ޖޫރިމަނާ ކުރިކަމުގެ ޗިޓް ހަވާލުކޮށްފަ އެވެ.
އޭނާ ކުރެހި ކުރެހުމުގައި ވަނީ ޝަރުއީ ދާއިރާގެ ލޯގޯއާއި، ފަސް ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ ބެންޗުގެ ފަހަތުގައި ލިޔެފައިވާ ނިސާ ސޫރަތުގެ 58 ވަނަ އާޔަތުގެ ބައެކެވެ. އެ އާޔަތުގައި ވަނީ "މީސްތަކުން މެދުގައި ތިޔަބައި މީހުން ހުކުމް ކުރާނަމަ އަދުލަށް ހުކުމް ކުރުމަށް ވެސް އަމުރު ކުރައްވަތެވެ." މިފަދައިންނެވެ.
ސްކެޗް ކުރެހުމާ ގުޅިގެން އޭނާ ޖޫރިމަނާ ކޮށްފައިވަނީ އެއީ ޝަރީއަތުގެ ނިޒާމާ ޚިލާފު ކަމެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އޭނާ ޖޫރިމަނާ ކޮށްފައިވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނަނީ ޝަރީއަތުގެ މަޖިލިސް ހިނގަމުން ދަނިކޮށް ކޯޓުގެ އިޒުނަ ނެތި ޝަރީއަތުގެ މަޖިލީހުން ނިކުމެ ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއް މީހަކު ހިންގައިފި ނަމަ ނުވަތަ ޝަރީއަތުގެ މަޖިލީހުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ވަގުތުން އަދަބު ކަނޑައެޅޭނެ ކަމަށެވެ.
އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
މީގެ ކުރިން 2013 ވަނަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ކުރެހި ގާނޫނީ ވަކީލަކު 5000 ރުފިޔާ އިން ވެސް ޖުރިމަނާ ކޮށްފައިވެއެވެ.
ޝަރީއަތުގެ މަޖިލިސް ސްކެޗް ކުރުން ރާއްޖޭގައި މަނާކޮށްފައިވާއިރު، ކޯޓުތަކުގެ ޝަރީއަތުގެ މަޖިލިސްތައް ސްކެޗް ކުރުމަކީ ތަހުޒީބީ ބައެއް ގައުމުތަކުގައި ހުއްދަ ކަމެކެވެ.