ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 15:02
އެ ޕާޓީގެ ޒުވާން ލީޑަރާއި ޕާޓީގެ އިސް 10 މެމްބަރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން 10 އަހަރުގެ މުއްދަތައް ވަނީ މަނާކޮށްފައި
އެ ޕާޓީގެ ޒުވާން ލީޑަރާއި ޕާޓީގެ އިސް 10 މެމްބަރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން 10 އަހަރުގެ މުއްދަތައް ވަނީ މަނާކޮށްފައި
ގެޓީ އިމޭޖަސް
މޫވް ފޯވާޑް ޕާޓީ އުވާލުން
ތައިލެންޑްގެ އިންތިޚާބުން އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ އުވާލަން ކޯޓުން ހުކުމް ކޮށްފި
ކޯޓުގެ މި ހުކުމަކީ 2020 ވަނަ އަހަރު ތައިލެންޑް ގައި ކަން ހިނގި ގޮތުގެ ތަކުރާރު ވުމެއް ކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އޮތް ތައިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުން އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ އުވާލަން ކޯޓުން ހުކުމް ކޮށްފިއެވެ.

ހުސްވި އަހަރުގެ އިންތިޚާބުން އެންމެ ގިނަ ވޯޓު އަދި އެންމެ ގިނަ ގޮނޑި ހާސިލް ކުރި މޫވް ފޯވާޑް ޕާޓީ އުވާލަން ކޯޓުން ބުދަ ދުވަހު ހުކުމް ކުރި އިރު އެ ޕާޓީއަށް ސަރުކާރު އުފައްދަން މިހާތަނަށް އޮތީ ކޯޓުން ހުރަސްވެސް އަޅާފައެވެ.

ކުރިންވެސް ތައިލެންޑްގެ ގިނަ ބަޔަކު ހީކޮށްފައިވާ ގޮތަށް ކޯޓުން މޫވް ފޯވަޑް ޕާޓީ އުވާލަން ހުކުމް އައި އިރު އެ ޕާޓީގެ ޒުވާން ލީޑަރާއި ޕާޓީގެ އިސް 10 މެމްބަރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން 10 އަހަރުގެ މުއްދަތައް ކޯޓުން ވަނީ މަނާކޮށް ހުކުމް ކޮށްފައެވެ.

މޫވް ފޯވާޑް ގެ އިންތިޚާބީ ވައުދެއްގެ ގޮތުގައި އޮތް ތައިލެންޑްގެ ރަސްގެފާނުގެ އަބުރާ ބެހޭ ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމަށް ވީ ވައުދަކީ ގާނޫނު އަސާސީ އާ ޚިލާފް ވައުދެއް ކަމަށް ހުސްވި އަހަރުގެ ޖަނަވަރީ މަހު ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޯޓުން ބުނެފައިވަނީ ރަސްގެފާނުގެ އަބުރާ ބެހެ ގާނޫނުތަކަށް ބަދަލު ގެނައުމަށް ގޮވާލުމަކީ އެ ގައުމުގެ ރަސްކަން ނައްތާލަން ގޮވާލުމާ އެއްފަދަ ކަމެއް ކަމުގައެވެ.

މި ހުކުމް އާއެކު މޫވް ފޯވާޑް ޕާޓީން މަޖިލިހަށް އިންތިޚާބު ވެފައިވާ 142 މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވާން ޖެހޭނެއެވެ. އެހެން ނަމަވެސް އިދިކޮޅު މެމްބަރުންގެ ގޮތުގައި ދެމި ތިބެވޭނެއެވެ.

ކޯޓުގެ މި ހުކުމަކީ 2020 ވަނަ އަހަރު ތައިލެންޑް ގައި ކަން ހިނގި ގޮތުގެ ތަކުރާރު ވުމެއް ކަން ފާހަގަ ކުރެވެއެވެ. 2020 ގެ އިންތިޚާބުގައި އާދަޔާ ޚިލާފް ރަނގަޅު ނަތީޖާއެއް ހޯދި ފިއުޗަރ ފޯވާޑް ޕާޓީވެސް ކޯޓުން ވަނީ އުވާލާފައެވެ. އޭގެ ފަހުން އެ ޕާޓީ އަލުން އުފެދިގެން އައީ މޫވް ފޯވާޑް ޕާޓީގެ ނަމުގައިކަން ފާހަގަ ކުރެވެއެވެ.

ތައިލެންޑްގެ ރަސްގެފާނުގެ އަބުރު ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނުތަކަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ އިތުރުން ރަސްގެފާނު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅޭ ގާނޫނު ތަކެއް ކަމަށް ތައިލޭންޑްގެ ޒުވާން ޖީލު އަންނަނީ ބުނަމުންނެވެ. އަދި މި ގާނޫނު ތަކުގެ ނާޖާއިޒް ބޭނުން ހިފައިގެން އެތައް ބަޔަކު ކުށްވެރިކޮށް އަދަބު ދެމުން ގެންދާ ކަން ވެސް މި ގާނޫނު ތަކަށް ފާޑު ކިޔާ ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް