ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އަށް ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމަކީ ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
މަފާޒުއާ ގުޅޭ ގޮތުން ފުލުހުން ބުނީ، މޮނިކޮން އަމުރާ ހިލާފުވެގެން، ހައިކޯޓުން މަފާޒުގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ކުރި ކަމަށެވެ. އަދި އެހުކުމް މަފާޒު ތަންފީޒުކޮށް މިނިވަން ވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.
މަފާޒުއާ ގުޅޭގޮތުން ފުލުހުން އެ މައުލޫމާތު އާއްމު ކުރީ، މުޖުތަމައުއަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ހޯމް މިނިސްޓްރީން މީގެކުރިން ލިސްޓް ކޮށްފައިވާ މީހެއް ކަމަށް އިއުލާނު ކޮށްފައިވަނިކޮށް، އޭނާ ދޫވެފައިވާ މައްސަލައިގައި އާއްމުންގެ ކަންބޮޑުވުންތައް ބޮޑުވެ ސުވާލުތައް އުފައްދަމުން ދާތީ އެވެ.
ނަދީމްއަށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ ޖުލައި 29 ވަނަ ދުވަހު އެވެ.