ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ސައުދުއާއި ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަ އެ ދެ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލައާ ގުޅޭގޮތުން ދައްކަން ހުރި އެންމެ ފަހުގެ ވާހަކަތައް ދައްކާ ވަނީ ނިންމާލާފަ އެވެ.
މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން އިއުލާނު ކުރެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް، ހުކުމް އިއްވާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.
އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވި ވައްޑެގެ އަޑުއެހުމުގައި އޭނާގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ކިލަނބުވެފައިވާ ނިޔަތެއްގައި ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ހުކުމުގެ ނާޖާއިޒު ބޭނުން ހިފައިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގަ ބުނާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވިއްޖެނަމަ އެ ކޮމިޝަނުން އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ވައްޑެގެ ގޮނޑި ހުސްވެއްޖެކަމާމެދު ވެސް ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކަމަށާއި އެއީ އިލެކްޝަން ކޮމިޝނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.
ހެނދުނު 11:00 ގައި ބޭއްވި ސައުދުގެ އަޑުއެހުމުގައި އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ ސައުދު ޕާޓީން ވަކިކޮށް، ދަފްތަރުން އުނިކޮށްފައިނުވަނީ ނުބައި ނިޔަތުގައި ކަމަށާއި، އެކަން އެގޮތަށް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމް ގޮނޑި ގެއްލޭނެ ފަދަ ހާލަތުތަކަކާއެކު އަންނާނެ ކަމަށް ބަލައިގެން ކަމަށެވެ.
އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ސައުދު ޕާޓީން ވަކިކޮށް، އެ ޕާޓީގެ ސްލޮޓުގައި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ސައުދު ހުންނެވި މަގާމުން ވަކިކޮށް، ޕާޓީގެ ވައިބާ ގްރޫޕުން ވެސް ބޭރުކުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އަލީ ޝާހު ވިދާޅުވީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ވަކިކުރުމަކީ އިދާރީ ގާނޫނު ތަންދޭ ގޮތެއް ނޫން ކަމަށެވެ.
ދެ މައްސަލައިގައި ވެސް ދައުލަތުގެ ވަކީލް ދެއްކެވީ ގާތްގަނޑަކަށް ހަމަ އެއްވާހަކަތަކެކެވެ. އެގޮތުން ޖުލައި މަހުގެ 18 ވަނަ ދުވަހު ޕާޓީން ވަކިކުރުމާ ހަމައަށް ދެ މެންބަރުންގެ ނަން ވެސް އޮތީ ޕީޕީއެމްގެ ދަފްތަރުގައި ކަމަށާއި އެހެންކަމުން ޕާޓީން ވަކިކުރުމާއެކު ހުކުމުގައި ބުނާ ހާލަތެއް މެދުވެރިވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
މީގެ އިތުރުން ޕާޓީގެ ދަފްތަރުން ވަކިކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ފޮނުވާ ސިޓީއާއެކު ސުލޫކީ ކޮމެޓީން މައްސަލަ ނިންމި ގޮތުގެ ޔައުމިއްޔާ ވެސް ފޮނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ ސައުދުއާއި ވައްޑެއަށް ޕީޕީއެމް އިން ފޮނުވި ސިޓީ އިލެކްޝަންސް ކޮމިޝަނަށް ކޮޕީ ކުރި ނަމަވެސް، އެ ސިޓީގައި ޕާޓީން ވަކިކުރުމަށް އެދިފައިނުވާ ކަމަށެވެ.