ރަހުމުކުޑަ ގޮތަކަށް އަވަހާރަ ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަައިގައި މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމު އަހުމަދު އާއި ބައްދަލު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ފުރުސަތު ދީފައިނުވާތީ ހުމާމުގެ އާއިލާގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ސިޓީއެއް ފޮނުވައިފި އެވެ.
ހުމާމުގެ އާއިލާ އިން އެޗްއާރުސީއެމަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދްމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދުގެ ދަށުން ޖަލު ބަންދުގައި ތިބޭ މީހުންނަށް ކޮންމެ މަހަކު އެއްފަހަރު އެއްގަޑިއިރަށް އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ. ނަމަވެސް މިއަހަރުގެ މެއި މަހުން ފެށިގެން ހުމާމު އާއި ބައްދަލު ކުރުމުގެ ފުރުސަތު އާއިލާއަށް ދީފައިނުވާ ކަމަށް އާއިލާން ބުނެއެވެ.
ހުމާމުގެ އާއިލާއިން ބުނީ އާއިލީ ބައްދަލުވުން ނުދޭން ނިންމި ވަކި ސަބަބެއް ހުމާމަށާއި އާއިލާއަށް ވެސް ކަރެކްޝަނުން އަންގާފައި ނުވާ ކަމަށެވެ.
ހުމާމުގެ އާއިލާއިން ބުނީ ހުމާމުގެ ނަފްސާނީ ބައްޔެއް ހުންނަކަމަށް ބުނެ، ގޮތް ނޭނގޭ ބޭހެއް ގަދަކަމުން ހުމާމަށް ދެމުންދާ ކަމަށެވެ. އެއީ ކޮންމެ ބޭހެއްކަމެއް ހުމާމަށާއި އާއިލާއަށް ވެސް ކަރެކްޝަނުން ބުނެދީފައިނުވާ ކަމަށް ހުމާމުގެ އާއިލާއިން ބުނެއެވެ.
މީގެއިތުރުން އެސިޓީގައި ބުނެފައިވަނީ ހުމާމަށް ލިބެންޖެހޭ އާއިލީ ބައްދަލުވުމުގެ ފުރުސަތާއި ސިއްހީ ފަރުވާ ކުރުމުގެ ފުރުސަތު އަދި މީގެ އިތުރުން އެހެން ގައިދީންނަށް ވެސް ލިބޭ އިނާޔަތްތަކާއި ހައްގުތައް ހުމާމަށް ލިބޭނެ ގޮތަށް ހަމަޖައްސާދެއްވުމަށް އެދޭ ކަމަށެެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ފުލުހުންގެ ފަރާތުން ހުމާމުއާ ގުޅުން ހުރި އިތުރު ތަހުގީގުތަކެއް ކުރިއަށްދާކަމުގައި ބަޔާން ކޮށްފައިވާތީ ހުމާމުގެ މަރުގެ ހުކުމް ތަންފީޒު ކުރުންފަސްކޮށްދިނުމަށް އެދޭ ކަމަށް ވެސް އެސިޓީގައި ބަޔާން ކޮށްފައިވެއެވެ.