ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 11:52
ކުރީގެ ރައީސް މުހައްމަދު ނަޝީދު--
ކުރީގެ ރައީސް މުހައްމަދު ނަޝީދު--
ޓްވިޓަރ
ރައީސް ނަޝީދު
މީގެ 13 އަހަރު ކުރިން ގައުމުގެ ހާލަތު ބަދަލުކުރަން ކުރިމަސައްކަތް މިއަދުވެސް!
2004 ވަނަ އަހަރުގެ އޮގަސްޓް 12 އަދި 13 ވަނަ ދުވަހު ފަހުގެ ތާރީހެއްގައި ބޭއްވި އެންމެބޮޑު އެއްވުން ބޭއްވިގެންދިޔަ
އޭގެ ފަހުން ރާއްޖޭގެ ސިޔާސީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި
މިއަދު ސަރުކާރާ ދެކޮޅު ގިނަ މަޖިލިސް މެމްބަރުންތަކެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވި ޝަރީއަތްތައްވެސް ދަނީ ހިންގަމުން

ގައުމެއްގެ ހަޔާތުގައި އެ ގައުމެއްގެ ހާލަތު އަނެއް ހާލަތަށް ބަދަލު ކުރާ ވަގުތެއް އަންނާނެ ކަމަށާއި މީގެ 13 އަހަރު ކުރިން ގައުމުގެ ހާލަތު ބަދަލުކުރަން ކުރިމަސައްކަތް މިއަދުވެސް ކުރަންޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާއްދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ 13 އަހަރު ކުރިން ގައުމުގެ ހާލަތު އަނެއް ހާލަތަށް ބަދަލުކުރުމަށް ކުރިމަސައްކަތުގެ ތެރެއިން މިއަދަކީ އެ ފަދަ ވަގުތެއް ކަމަށެެވެ.

ރައީސް ނަޝީދު އެވިދާޅުވަނީ މީގެ 13 އަހަރު ކުރިން 2004 ވަނަ އަހަރުގެ އޮގަސްޓް 12، 13 ގައި މާލޭގައި ހިނގާދިޔަ ސިޔާސީ ހަރަކާތްތަކާއި ގުޅިގެންނެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެންމެ ބޮޑު އެއްވުން ޖުމްހޫރީ މައިދާނުގައި ބޭއްވިގެންދިޔައިރު ގިނަ ސިޔާސީ ފަރާތްތަކެއް ހައްޔަރު ކުރެވިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

އޭގެފަހުން ރާއްޖޭގެ ސިޔާސީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އައިސް ރައްޔިތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގަތުމަށް ވަކާލާތުކޮށް، ސިޔާސީ ޕާޓީތަށް ހެދުމަށް އޭރު އޮތް ސަރުކާރަށް ޕްރެޝަރ ކުރުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ ޕާޓީތައް އުފެދި އާ ގާނޫނުއަސާސީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ފެށިގެން ދިޔަ އެވެ.

އެގޮތުން 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއި ގިނަ ސިޔާސީ ޕާޓީތަކެއް އުފެދި ސިޔާސީ ޕާޓީތަކުން ގިނަ ރިޔާސީ ކެންޑިޑޭޓުންތަކެއް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށްފައިވެއެވެ.

ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެވެ.

ރާއްޖޭގެ މިވަގުތުގެ ހާލަތު ބަދަލު ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު ގިނަކަންތައްތަކެއް ކުރައްވަމު ގެންދަވާކަން ފާހަގަ ކުރައްވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިސަރުކާރާ ދެކޮޅަށް ނިކުމެ ވަޑައިގެން  އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަންނަވާފަ އެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާއެކު ސަރުކާރުން އަމަލު ކުރަމުންދާ ގޮތާމެދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް