މާލެސިޓީގެ 21 ޕަސެންޓު ގޭބިސީތަކުގެ ކަރަންޓް ބިލު ގަބޫލުނުކުރެވޭ ވަރަށް ބޮޑުވެފައިވާ ކަމަށާއި، ހަކަތާގެ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ މިދިޔަ މަހަށްވުރެ މިމަހުގެ ކަރަންޓު ބިލުތަކުގެ 94 ޕަސެންޓު ކުޑަ ވެފައިވާ ކަމަށެވެ. ނަމަވެސް މާލޭގެ 6 ޕަސެންޓް ގޭބިސީ، ހުޅުމާލޭގެ 15 ޕަސެންޓް ގޭބިސީތަކުގެ ކަރަންޓު ބިލު ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވެފައިވާ ކަމަށާއި، އެ ވަރަށް ބިލު ބޮޑުވެފައިވާތީ އެކްސްޕްލެނޭޝަނެއް ބޭނުންވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެހެންކަމުން ސްޓެލްކޯގެ މުވައްޒަފުން މި ގެތަކަށް ޒިޔާރަތް ކުރާނެ ކަމަށާއި، އެހެން ދިމާވި ސަބަބު ސްޓެލްކޯއިން ޓެކްނިކަލްކޮށް ބަލާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސްޓެލްކޯގެ ޓީމުތައް ފޮނުވާނެ ތަންތަން ކަނޑައަޅާނީ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށާއި، އެނާޖީ އޮޑިޓެއް ހަދާނެ ކަމަށެވެ.
މިމަހު އިޝޫ ކުރި ބިލުތަކުގެ ތެރެއިން 94 ޕަސެންޓުގެ ބިލު ވަނީ ކުޑަ ވެފައި މިދިޔަ މަހަށްވުރެ. ނަމަވެސް މާލެއަށް ބަލާއިރު 6 ޕަސެންޓް ބިލު އުޅޭ ހަމަ އިންތިހާއަށް ބޮޑު. އަޅުގަނޑުމެންނަށް ހަމަ އެކްސްޕްލެނޭޝަން ބޭނުންވާ އަދި އެ އެކްސްޕްލެނޭޝަން ކަސްޓަމަރުންނަށް ބޭނުންވާނެ ކަމަށް ގަބޫލުކުރާ 6 ޕަސެންޓެއް އެބައުޅޭ. އޭއީ މާލޭގައި އެނގޭތޯ. އެހެންނަމަވެސް ހުޅުމާލޭގައި މިއަދަދަށް ބަލާއިރުގަ 15 ޕަސެންޓް އެބައުޅޭ ބިލުހަމަ ވަރަށް ބޮޑު އެ އެކްސްޕްލެނޭޝަން އަޅުގަނޑުމެންނަށް އެނގެންޖެހޭ އަދި ކަސްޓަމަރުންނަށް ވެސް އެ އެކްސްޕްލެނޭޝަން ބޭނުންވާނެ. 15 ޕަސެންޓުގެ ބިލު ވަރަށް ބޮޑުތަނުން ބޮޑު.ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ
ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ޓީމުގެތަކުން ގޭތަކަށް ގޮސް ކުރާ މަސައްކަތުން ކަރަންޓު ބިލު ބޮޑުވަނީ ކޮން ކަންތައްތަކަކުންތޯ ބަަލައި ގިނަ މައުލޫމާތުތައް ގޭގައި އުޅޭ މީހުންނަށް ވެސް ލިބޭނެ ކަމަށާއި، ފިޔަވަޅު އަޅަން ވެސް ފަސޭހަވާނެ ކަމަށެވެ. އަދި ކަރަންޓު އިގުތިސާދު ކުރަން ކަސްޓަމަރުންނަށް ވެސް ފަސޭހަވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.