ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ވައްޑޭގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، ޕާރޓީން މެމްބަރުން ވަކިކުރުމުން ނުވަތަ ވަކިވެއްޖެ ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމައިފި ކަމަށް ބުނެ ޕީޕީއެމް އިން އެމެމްބަރުން ވަކިކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ޕާރޓީން ހުށަހެޅުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް ވިދާޅުވެ ވަހީދު ސުޕްރީމް ކޯޓަށް އެ މައްސަލައިގައި ގޮތެއް ކަނޑައަޅައިދޭން ހުށަހެޅި މައްސަލާގައި ދެ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގައި އަޑުއެހުންތައް ނިންމާލުމާ ގުޅިގެން ދެން އޮންނާނީ މައްސަލާގައި ހުކުމް ކުރުމެވެ.
މީގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ މައްސަލާގެ އަޑުއެހުންތައް ވެސް ސުޕްރީމް ކޯޓުގައި ވަނީ ފަށާފަ އެވެ.