ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ)ގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ކޯޓަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް، މަޖިލީހަށް ވަދެވަޑައިގެންނެވި ކަމަށް ބުނެ ވައްޑެ ހައްޔަރުކުރީ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.
ވައްޑެ ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖެހީ 15 ދުވަހެވެ. އެ 15 ދުވަސް ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 9 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 4 ދުވަސް ޖަހާފައިވެއެވެ.
މިއަދަށް އެ މުއްދަތު ހަމަވާއިރު، މައުލޫމާތު ލިބޭ ގޮތުގައި ބަންދާއި މެދު ގޮތެއް ނިންމުމަށް ވައްޑެ ކޯޓަށް ހާޒިރުކުރަނީ މިއަދު މެންދުރު އެވެ.
ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލު ކުރެވިފަ އެވެ.