ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށައެޅި މައްސަލައިގެ އަޑު އެހުމެއް އާދީއްތަ ދުވަހަށް ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.
ނަމަވެސް އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ޕީޖީ އޮފީހުން މި މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ހައިކޯޓްގައި މައްސަލައިގެ އަޑު އެހުން އާދީއްތަ ދުވަހަށް ތާވަލު ކުރި އިރު މިއީ މިމައްސަލައިގެ ދެވަނަ އަޑު އެހުމެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނެފައި ވަނީ ހެކިބަސްދިން ފުލުހުންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ.
ހުކުމްގައި ބުނެފައިވަނީ މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮ މަގުން ރިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި، މޯބައިލް ފޯނު ނުހިފެހެއްޓޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރކަން ވެސް ކުރައްވާފައިވާ ރިޔާޒުގެ ފޯނު، ފުލުހުން ހިފެހެއްޓީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.