ބ.ކަމަދޫގެ ކައުންސިލް އިންތިހާބުގެ ބައި-އިލެކްޝަނަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް އެރަށުގައި އެމްޑީޕީން ފަށައިފި އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ކަމަދޫގެ ބައި-އިލެކްޝަނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި އެ ދާއިރާގެ މެންބަރު އަލީ ހުސަައިންގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަންގެ ނައިބު އަލީ ޝިޔާމް ވެސް މިދަތުރުގައި ބައިވެރިވާ ކަމަށެވެ.
ކެމްޕެއިން ހަރަކާތެއްގެ ގޮތުން ހޮނިހިރު ދުވަހުގެ މެންދުރު، ޕޯސްޓަރު ހަރު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ އިރު ހަވީރު ކުރިއަށްދިޔައީ ޑޯ ޓު ޑޯ ހަރަކާތެއް ކަމަށް ޝިފާޒު ވިދާޅުވި އެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށްދާނީ، ޒުުވާނުންނާއި ގުޅިގެން ހިންގާ ހަރާކާތްތައް ކަމަށް ޝިފާޒު ވިދާޅުވި އެވެ.
ބ.ކަމަދޫގެ ބައި އިލެކްޝަން ބޭއްވުމަށް ހަަމަޖެހިފައި ވަނީ އޮގަސްޓް 19 ވަނަ ދުވަހު އެވެ.
ޝިފާޒު ވިދާޅުވީ، ކަމަދޫއަކީ އެމްޑީޕީއަށް އަބަދުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ރަށެއް ކަމަށާއި މިފަހަރުގެ މި ދަތުރުން މިކަން އަދި ކުރިއަށް ވުރެ ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އެރަށުގެ ބައި-އިލެކްޝަން ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަމަދޫގެ ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެކެވެ. އެމްޑީޕީން ވާދަކުރަނީ އަހުމަދު ސާޖިދު އެވެ