ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރެއްގެ އިމްތިޔާޒާއި އިނާޔަތްތައް ކަނޑާލައިފިއެވެ. އެގޮތަށް މަޖިލީހުން އަމަލު ކޮށްފައިވަނީ މަޖިލީހުގެ އަމީން އާންމު ނެރުއްވި މެމޯއަކުންނެވެ.
އެކަން ވަނީ ރާއްޖެއެމްވީއަށް ކަށަވަރުވެފައެވެ.
އިމްތިޔާޒްތަކާއި އިނާޔަތްތައް ކަނޑާލީ ދިއްދޫ ދާއިރާގެ މެމްބަރު އަބުއްލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ޝިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްއެވެ. މި ހަ މެމްބަރުންނަކީ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޭފުޅުންގެ މުސާރަ ހަމައަށް ޖަމާކޮށްދެއްވާފައެއް ނުވެއެވެ. އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަން އިލެކްޝަން ކޮމިޝަނުން އެބޭފުޅުންނަށް އަންގަވާފައެއް ވެސް ނުވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި މެމްބަރަކު ވިދާޅުވި ގޮތުގައި ގޮނޑި ގެއްލިފައިވާކަން ކަނޑައަޅާފައިވާ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ހިފަހައްޓާފައިވާއިރު، އެކަން އެ މެމްބަރުންނަށް ރަސްމީކޮށް އަންގާފައެއް ނުވެ އެވެ. އަދި މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަން ވެސް އެ މެމްބަރުންނަށް މަޖިލީހުން ވެސް އަދި އިލެކްޝަންސް ކޮމިޝަނުން ވެސް އަންގާފައެއް ނުވެ އެވެ.
ހަ މެމްބަރެއްގެ ގޮނޑި ގެއްލުވާލީ، ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުންކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެންނެވެ. ނަމަވެސް އެ ހުކުމުގައި ބުނެފައިވާ ގޮތުން، ހުކުމްކުރި ދުވަސް ކަމުގައިވާ ޖުލައި 13 ވަނަ ދުވަހުގެ ކުރިން ޕާޓީ ބަދަލުކޮށްފައިވާ މެމްބަރުންގެ، ނުވަތަ ޕާޓީން ވަކިވެފައިވާ މެމްބަރުންގެ ގޮނޑިއެއް ނުގެއްލެ އެވެ.
މުސާރަ އާއި އިނާޔަތްތައް ހިފެހެއްޓިއިރު، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ. ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.