ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 12:49
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް--
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް--
މުހައްމަދު ފަޒީން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ތަރައްގީ ކުރަންދިން ބިންތަކުގައި ޕީޕީއެމް ޖަގަހަތައް، ސަރުކާރުން ދަނީ އޮޅުވާލަމުން: މަހްލޫފް
މިވަގުތުވެސް އިންތިހާބަކަށް ވަޑައިގެންނެވި ނަމަވެސް ބޮޑުތަނުން ބަލިކޮށްލާނަން
އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބާއްވާނެ ތަނެއް ސަރުކާރުން ނުދެއްކި
އިދިކޮޅު ފަރާތްތަކަށް އަލިސް ކާނިވަލްގައި އެންމެފަހުން ޖަލްސާއެއް ބާއްވަން ލިބުނީ 2015ގެ ފެބްރުއަރީގައި

ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރި ބިންތަކުގައި ޕީޕީއެމް ޖަގަހަ ހަދަން ނިންމައި، ރައްޔިތުންނަށް، ސަރުކާރުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މައި ޖަގަހައެއްގެ ގޮތުންގައި ބޭނުންކުރަމުން އަންނަ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވީ މަހްލޫފް ނިސްބަތްވާ ދާއިރާގައި ގަލޮޅު ފްލެޓް ސަރަހައްދުގައި (ކުރިން ފުރްޤާން މިސްކިތް ވަގުތީ ގޮތުން ހަދާފައިވާ ތަނުގައި)، ތަރައްގީގެ މަޝްރޫއެއް ހިންގަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނާއިރު، އެތާ ހަދަމުންދަނީ ޕީޕީއެމް ޖަގަހައެއް ކަމަށެވެ. ހަމަ އެގޮތަށް ކުރިން ވެސްޓްޕާރކް ހުރި ތަން ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނާއިރު އެތާ ފަސްބުރީގެ އިމާރާތެއް ތަރައްގީ ކުރަން ނިންމާފައިވާއިރު އެއީ ވެސް ޕިޕީއެމް ޖަގަހައެއް ކަމަށެވެ.

މަހްލޫފް ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މެން ފަދަ ބޭފުޅުން ރައްޔިތުންނަށް ކަންކަން އޮޅުވާލަން އުޅުއްވި ނަމަވެސް އެކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން ދައްކަން އެފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގި ނަމަވެސް މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. އަދި މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން ވެއްދުމާއި ސަރުކާރު އަދި ޕީޕީއެމްގެ އިވެންޓްތަކުގައި ބައިވެރިވުމަށް ސިވިލް ސާރވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބުރު ކުރުވި ނަމަވެސް މިސަރުކާރަށް ތާއީދު ނެތްކަން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން އޮންނާނީ ދައްކާލާފަ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާކަން އެންމެ ރަނގަޅަށް ދައްކާލުމަށް މިވަގުތު ވެސް ރައީސް ޔާމީން ރައީސް ކަމުގައި ހުންނަން ފެންނަ، ނުފެން ވޯޓެއް ނުގެމަށް ކެރިވަޑައިގަންނަވާ ނަމަ އެކަން ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.

މީގެ އިތުރުން، މަހްލޫފް ވިދާޅުވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިން އިދިކޮޅު ފަރާތްތަކަށް އެއްވެލުމަށް ނުވަތަ ޖަލްސާއެއް ބާއްވާލުމަށް ސަރުކާރުން ޖާގަދީފައި ނުވާ ކަމަށެވެ.  

އިދިކޮޅު ފަރާތްތަކަށް އެއްވުލުމުގެ ފުރުސަތު ދީފި ނަމަ ރައީސް ޔާމީންއަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަކޮށްދޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް