ހޮނިހިރު ދުވަހުގެ ހަވީރު ޕީޕީއެމުން ބާއްވާ އެޕާޓީގެ ޚާއްސަ ހަރަކާތެއްގައި އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ މުއައްޒަފުން ބައިވެރިވުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށް ބުނެ ޝަކުވާކުރަންފަށައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި އިވެންޓްގައި ބައިވެރިވުމަށް އަންގަމުން ދަނީ އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނާޒިލެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މެސެޖްތަކުން އެނގޭ ގޮތުގައި ނާޒިލު ވަނީ ހޮނިހިރުދުވަހުގެ ހަވީރު ހިތަދޫ ޔޫތު ސެންޓަރުގައި ބާއްވާ، ޚާއްސަ ބައްދަލުވުމަށް ހުރިހާ މުވައްޒަފުން ދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެ އިވެންޓްގެ "ހާޒިރީ ބެލޭނެ ކަމަށް" ވެސް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.
އައްޑޫގައި ބާއްވާ ޕީޕީއެމްގެ އިވެންޓުތަކަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވުމަށް "މަޖުބޫރު" ކުރާ މައްސަލަ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ރާއްޖެއެމްވީ ގުޅުމުން އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނާޒިލް ވަނީ، އެ މެސެޖްތަކަކީ އެބޭފުޅާގެ ފޯނުން ފޮނުވާ މެސެޖްތަކެއް ކަމަށް ވިދާޅުވެ އެއްބަސްވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ކުރާ މިފަދަ ކަންކަމާއި ތަރައްގީގެ މަސަައްކަތްތަކުގައި މުއައްޒަފުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި ހާޒިރީ ވެސް ބަލާނޭ ކަމަށާއި، ބައިވެރި ނުވާ މުއައްޒަފުންނާ މެދު ފިޔަވަޅު އަޅަން ޖެހިއެްޖެ ނަމަ ފިޔަވަޅު ވެސް އަޅަނޭކަމަށެވެ.
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމަށް ބުނެ ރާއްޖޭގެ އެކި ހިސާބުތަކުން 25 ރަށެއްގައި ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރު ވަމުންދާ ކަމަށް އެޕާޓީން ދާދިފަހުން ވަނީ ބުނެފައެވެ. އެގޮތުން އައްޑޫގައި މި ބާއްވާ ހަރަކާތަކީ ވެސް އެ ސިލްސިލާގެ ދަށުން ބާއްވާ ހަރަކާތެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
"މީގެ އިތުރުން ރައީސް ޔާމީންގެ ތަރައްޤީ" ރައްޔިތުންނަށް ދައްކާލުމަށް ކަމަށް ބުނެ މުޅި ރާއްޖޭގެ 25 ރަށެއްގައި ކުރިއަށް ގެންދާ ހަރަކާތުގައި ހިތަދޫ މި ބާއްވާ ހަރަކާތުގައި ބައިވެރިވާ ކޮންމެ ސައިކަލަކަށް 1،200ރ. އަދި ކާރަކަށް 2،500ރ. ގެ މަގުން ފައިސާ ދޭން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވީ، ޕީޕީއެމުން ބާއްވާ އިވެންޓްތަކަށް ދިއުމަށްސަރުކާރު މުއައްޒަފުންނަށް މަޖުބޫރުކުރުވަމުންދާކަމުގެ ޝަކުވާ އެބޭފުޅުންނަށް ވެސް ލިބިފައިވާ ކަމަށެވެ.
މީގެ ކުރިން މާލޭގައި ބޭއްވި ބައެއް ހަރަކާތްތަކުގައި ވެސް ސަރުކާރުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުންޒަފުން މަޖުބޫރުކޮށްގެން ބައިވެރިކޮށްފައި ވެއވެެ.