ކ. މާލެ
|
12 ޖުލައި 2024 | ހުކުރު 17:34
ޓެމްޕޮންސްގައި ވިހަ މާއްދާތައް އެކުލެވޭކަމަށް ސައިންސްވެރިން ބުނޭ
ޓެމްޕޮންސްގައި ވިހަ މާއްދާތައް އެކުލެވޭކަމަށް ސައިންސްވެރިން ބުނޭ
ނިއުސް މެޑިކަލް
ޓެމްޕޮންސް
ޓެމްޕޮންސް އިން ވިހަ މައުދަނީ މާއްދާތައް ބޭރުވޭ: ދިރާސާ
ސައެންސްވެރިން ބުނާ ގޮތުގައި، ޓެމްޕޮންސްގައި ބޭނުންކޮށްފައި ހުންނަ ކޮޓަންއަކީ ފެނާއި، ވައި އަދި ވެލިގަނޑާއި ކައިރި ހިސާބުތަކުގައިވާ ތަޣައްޔަރުކަމެއްގެ ތެރެއިން ވިހަ މައުދަނީ މާއްދާތައް ދަމާ ކޮޓަންއަކަށްވުންވެސް އެކަށީގެންވެއެވެ.

ހަލުވި ކަމާއެކު ތަރައްޤީ ވަމުން އައި ދުނިޔޭގެ ބައްރުތަކާ ޖިއޮގްރަފީ ގޮތުން އެކަހެރިކޮށް އޮތް މި ކުޑަކުޑަ ދިވެހިރާއްޖެއަށް ޓެމްޕޮންސް ތަޢާރަފުވީ، ޓެމްޕޮންސްގެ ދިގު މާޒީއަށް ބަލާނަމަ ދާދި ފަހުންނޭ ބުނެވިދާނެއެވެ. ދަރިމައިވާ ޢުމުރުގެ އަންހެނުންނަށް މަހަކު އެއް ފަހަރުހެން ކުރިމަތިވާ ޕީރިއަޑް ދުވަސްވަރު، ހަށިގަނޑުން ބޭރުވެގެންދާ ލެއިން ސާފުވުމަށް ބޭނުން ކުރާ އެކި އުފެއްދުންތަކުގެ ތެރެއިން 1930ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަން ފެށި ޓެމްޕޮންސްއަކީ ޒަމާނީ ފެޝަނުގެ ބަޔަކަށް ވި ޒަމާނެއްވެސް އަހަރެމެން ދެކެފީމުއެވެ. ޒަމާންތަކެއް ވަންދެން ބޭނުން ކުރަމުން އައި ސެނިޓަރީ ނެޕްކިން ނުވަތަ (ޕެޑް) އަކީ ކަޓު އެއްޗަކަށްވިއެވެ. ނަމަވެސް ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތަކާއެކު ޞިއްޙީ ދާއިރާއިން ހަދާ ދިރާސާތައް އިތުރު ވަމުން އަންނަ ވަރަކަށް، ޓެމްޕޮންސްގެ ނުރައްކާތައް ދަނީ ހާމަވަމުންނެވެ.

ހިއްސާ ކުރެވޭތޯ މަސައްކަތް ކުރަމުން މި ދަނީ ޓެމްޕޮންސްގައި އެކުލެވޭ ނުރައްކާތެރި މާއްދާތަކެއްގެ ވާހަކަ ބަޔާންކުރާ ދިރާސާއެއްގެ ވާހަކައެވެ. މިއީ މުޅި ދުނިޔޭގައިވެސް މިހާތަނަށް ހެދި މިފަދަ ފުރަތަމަ ދިރާސާއެވެ. ދިރާސާގެ ހޯދުންތަކުން ދެނީ ވަރުގަދަ އިންޒާރެކެވެ. ޒަމާނީ ފެޝަނުގެ އަވައިގައި ޖެހި، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް ވައްޓާލަނީ ނުވެސް އެނގިތިބެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ޤަވާއިދުން ބޭނުން ކުރަމުން ގެންދާ ޓެމްޕޮންސްގައި ނުރައްކާ މިންވަރަށް، ވިހަ މައުދަނުގެ އަސަރު އެކުލެވޭ ކަމަށް ދިރާސާގެ ހޯދުންތަކުން ވަނީ ދައްކާފައެވެ. އެގޮތުން ލެޑް، އަރސެނިކް އަދި ކެޑްމިއަމް މައުދަނުގެ އަސަރު، ކަންބޮޑުވާ މިންވަރަށް ޓެމްޕޮންސްގައި ހުރި ކަމަށް ދިރާސާއިން ވަނީ ސާބިތުވެފައެވެ.

އަންހެނާގެ ޖިންސީ ގުނަވަނުގައިވާ ހަމުގެ ފަށަލައަކީ، ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ލެވިފައިވާ ހަމުގެ ފަށަލަތަކާ ޚިލާފު ގަދައަށް، ހަށިގަނޑުގެ ތެރެއަށް ކެމިކަލް ދަމާ ހަމެއްކަން ދިރާސާ ކުރި ފަރާތްތަކުން ފާހަގަ ކުރިއެވެ. ދިރާސާގެ މުސައްނިފުންގެ ތެރޭގައި ހިމެނޭ ކެތުރީން ޝިލިންގް ބުނި ގޮތުގައި ޕީރިއަޑް ދުވަސްވަރު ބޭނުން ކުރާ އުފެއްދުންތަކުގައި މައުދަނީ އަސަރު އެކުލެވޭކަން ދިރާސާއިން ސާފުވެއެވެ. އެހެން ކަމުން، އެފަދަ ނުރައްކާ މައުދަންތަކަށް އަންހެނުން ހުށަހެޅިފައި އޮތުމުގެ ނުރައްކާ އިތުރުވުމަކީވެސް އެކަށީގެން ވާ ކަމެއްކަން އޭނާ ފާހަގަ ކުރިއެވެ.

ބައެއް އަންދާޒާތަކަށް ބަލާއިރު، ޕީރިއަޑްވާ އަންހެނުންގެ އާބާދީގެ 2 ބައިކުޅަ 1 ބައި މީހުންނަކީ ކޮންމެ މަހަކުވެސް ޤަވައިދުން ޓެމްޕޮންސް ބޭނުން ކުރާ ބައެކެވެ. ބައެއް މީހުންނަކީ ހައެއްކަ ގަޑިއިރުވަންދެންވެސް 1 ޓެމްޕޮން ބޭނުން ކުރާ މީހުންނެވެ. ޓެމްޕޮންސް ބޭނުން ކުރުމުގައި ޞިއްޙީ ގޮތުން އެންމެ އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުމަކީވެސް މައްސަލައެކެވެ.

މީގެ ކުރީގެ ހޯދުންތަކަށް ބަލާއިރު، ލެޑްއާއި އަރސެނިކް ފަދަ ވިހަ މައުދަންތަކަށް ހުށަހެޅުމަކީ އެކަމުގެ ސަބަބުން އިންސާނާގެ ޞިއްޙަތަށް ކުރިމަތިވާ ތަފާތު އެކި މައްސަލަތަކާ ގުޅުން އޮތް ކަމެއްކަން ސާފެވެ. އެގޮތުން ޑިމެންޝިއާ، ދަރިމައިވުމުގެ މައްސަލަތައް، ހަކުރުބަލި އަދި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށްވެސް ހުށަހެޅިފައި އެބަހުއްޓެވެ. އަދި ކިޑްނީއާއި ފުރަމޭއާއި ސިކުނޑި ފަދަ މުހިންމު ގުނަވަންތަކަށްވެސް ގެއްލުންވެފައި އެބަހުއްޓެވެ.

ދިރާސާ ރިޕޯޓް އެކުލަވާލުމުގައި އިސް މުސައްނިފެއްގެ ގޮތުގައި މަސައްކަތް ކުރި ޖެނީ ޝަރސްޓަން ބުނި ގޮތުގައި، ޓެމްޕޮންސް ބޭނުން ކުރުމުގައި ހުރި ޞިއްޙީ ކަންބޮޑުވުންތަކެއް ހުރި ކަމުގައި ވީ ނަމަވެސް، އެކަމާ ބެހޭ ގޮތުން މާ ގިނަ ދިރާސާތަކެއް، މި ވީހާތަނުގައި ހެދިފައެއް ނެތެވެ. އެގޮތުން، ޓެމްޕޮންސްގައި އެކުލެވޭ ކެމިކަލްގެ މިންވަރާ ބެހޭ ގޮތުން ހެދިފައި ހުރީ މަދު ދިރާސާތަކެއްކަން އޭނާ ފާހަގަ ކުރިއެވެ. އަދި މި ދިރާސާއަކީ ޓެމްޕޮންސްގައި އެކުލެވޭ މައުދަންތަކާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ ދިރާސާކަންވެސް ޝަރސްޓަން ފާހަގަ ކުރިއެވެ. އެގޮތުން ޓެމްޕޮންސްގައި ހުރިތޯ ބަލަން ޓެސްޓު ކުރި ހުރިހާ މައުދަނެއް، ޓެމްޕޮންސްއިން ފެނިފައި ވާ ކަމަށް ޝަރސްޓަން ބުންޏެވެ.

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވީ ޔުނިވަރސިޓީ އޮފް ކެލިފޯޏިއާ ބަރކްލީގެ ސައެންސްވެރިންނެވެ. ސައެންސްވެރިންގެ ޓީމުން ވަނީ، 16 ބާވަތެއްގެ މައުދަނުގެ އަސަރު، ޓެމްޕޮންސްގައި ހުރިތޯ ބެލުމަށް، ތަފާތު 14 ބްރޭންޑްއެއްގެ 30 ޓެމްޕޮންސް ޓެސްޓު ކޮށްފައެވެ. އެގޮތުން އަރސެނިކް، ކެޑްމިއަމް، ކޯބަލްޓް، ލެޑް އަދި ސެލީނިއަމް ފަދަ މައުދަންތައް ހުރިތޯ ބެލުމަށް ޓެސްޓު ކުރިއެވެ.

ވިލާތުގެ އިއްތިހާދުގެ ޤައުމުތަކާއި، އިނގިރޭސިވިލާތް އަދި އެމެރިކާއިން ގަތް ކަމުގައި ވީ ނަމަވެސް ކޮންމެ ބްރޭންޑެއްގެ، ކޮންމެ ބާވަތެއްގެ ޓެމްޕޮންއަކުންވެސް ނުރައްކާތެރި މައުދަނުގެ އަސަރު ވަނީ ފެނިފައެވެ. ވިހަ މައުދަނީ މާއްދާތައް ޓެމްޕޮންއަށް އެތެރެ ވެފައި ވަނީ، ޓެމްޕޮންސް އުފެއްދުމުގެ ސިނާޢީ އެކި މަރުޙަލާތަކުގައި ކަމަށް ދިރާސާވެރިން ލަފާ ކުރެއެވެ.

ކަން މިހެން އޮތް އިރު، ބައެއް މާއްދާތަކަކީ ޓެމްޕޮންސް އުފެއްދުމުގެ މަރުޙަލާގައި ގަސްތުގައި އެއްކޮށްފައި ވާ މާއްދާތަކަކަށްވުން އެކަށީގެންވާކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ. އެގޮތުން ޓެމްޕޮންއަށް ވަކި ކުލައެއް ގެނައުމަށް އަޅާ މާއްދާތަކާއި، ހުދުކަން ހިފެހެއްޓުމަށް އެއްކުރާ މާއްދާތަކުގެ އިތުރުން އެންޓިބެކްޓީރިއަލް އޭޖެންޓެއްގެ ޒަރިއްޔާއިންނާއި ކާރުޚާނާގެ އެހެނިހެން މަރުޙަލާތަކުގައި މައުދަނީ މާއްދާތައް އެއްކޮށްފައިވުން އެކަށީގެންވާކަމަށް ދިރާސާވެރިން ބުނެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި، ޓެމްޕޮންސްގައި ބޭނުންކޮށްފައި ހުންނަ ކޮޓަންއަކީ ފެނާއި، ވައި އަދި ވެލިގަނޑާއި ކައިރި ހިސާބުތަކުގައިވާ ތަޣައްޔަރުކަމެއްގެ ތެރެއިން ވިހަ މައުދަނީ މާއްދާތައް ދަމާ ކޮޓަންއަކަށްވުންވެސް އެކަށީގެންވެއެވެ.

ޓެމްޕޮންސް އުފައްދަން ބޭނުން ކުރާ ތަކެއްޗަކީ ވިހަ މައުދަނީ މާއްދާތަކަށް ޓެސްޓު ކުރެވިފައި ވާ ތަކެއްޗަށް ހެދުމަކީ، ސިނާޢީ ފެންވަރުގައި ޓެމްޕޮންސް އުފައްދާ ފަރާތްތަކަށް ލާޒިމު ކަމެއްގެ ގޮތުގައި ހަމަޖެހުމަކީ ކުރެވޭ އުންމީދެއް ކަމަށް ޝަރސްޓަން ބުންޏެވެ. އާންމުންގެ ފެންވަރުގައިވެސް މިކަމަށް ގޮވާލުމަކީ އެދެވޭ ކަމެއްކަމަށް އޭނާ ބުންޏެވެ. ނުވަތަ ޓެމްޕޮންއާއި އެނޫންވެސް އެފަދަ އުފެއްދުންތަކުގެ ޕެކޭޖިންގްގައި ރަނގަޅަށް ލޭބަލް ކުރުމަކީވެސް ކުރަންޖެހިފައި އޮތް މުހިންމު ކަމެއްކަން ޝަރސްޓަން ފާހަގަ ކުރިއެވެ.

އެންމެ ފަހުގެ ހޯދުންތަކުން ފާހަގަ ކުރެވުނު ވިހަ މައުދަނީ މާއްދާތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ކޮށްފާނެ ސީދާ އަސަރުތަކެއް އަދި ސާފެއް ނުވެއެވެ. އެކަމަށްވެސް ވަކި ދިރާސާތަކެއް ހަދަން ޖެހެއެވެ. ޓެމްޕޮންސްއިން ބޭރުވާ ވިހަ މައުދަނީ މާއްދާތަކުގެ މިންވަރާއި، އިންސާނާގެ ހަށިގަނޑަށް އެ މާއްދާތައް ދަމައިގަންނަ ނިސްބަތާ ބެހޭ އިތުރު ދިރާސާތައް ކުރުމަށް ސައެންސްވެރިން ވަނީ ގޮވާލާފައެވެ. މިވަގުތައް އޮތީ އަހަރެމެންގެ ޒިންމާއެވެ. އުފެއްދުންތައް ބޭނުން ކުރުމުގެ ކުރިން އަމިއްލަ ނަފުސާ މެދު ވިސްނާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް