ކ. މާލެ
|
11 ޖުލައި 2024 | ބުރާސްފަތި 11:40
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮލަމްބިއާގެ ޖެފަަސަން ލޭމާ އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮލަމްބިއާގެ ޖެފަަސަން ލޭމާ އުފާ ފާޅުކުރަނީ
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ކޮލަމްބިއާ
ކޮލަމްބިއާ އިން ވަނީ 2001 ވަނަ އަހަރު އޮތް ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ސެމީ ފައިނަލްގައި އުރުގުއޭގެ މައްޗަށް ކުރި ހޯދައި، ކޮލަމްބިއާ އިން ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ އުރުގުއޭ އިން ހޯދީ ކުއާޓާ ފައިނަލްގައި ބްރެޒިލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބްރެޒިލްގެ މައްޗަށް އުރުގުއޭ ކުރި ހޯދީ ޕެނަލްޓީންނެވެ. ކޮލަމްބިއާ އިން ވަނީ ސެމީ ފައިނަލްގެ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ޕަނަމާގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު ސެމީ ފައިނަލް މެޗު ކޮލަމްބިއާ އިން ކާމިޔާބު ކުރީ 1-0ންނެވެ. މެޗުގައި ކޮލަމްބިއާގެ ޑެނިއެލް މުނޯޒް އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން، މެޗުގެ ބާކީ ބައި ކޮލަމްބިއާ އިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގައި ކޮލަމްބިއާ އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ލީޑު ނަގައިދިނީ ޖެފަަސަން ލޭމާ އެވެ. އޭނާ އެ ލަނޑު ޖެހީ ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ރޮގްރިގޭޒް އަންނަނީ މިއަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކޮލަމްބިއާ އިން ވަނީ 2001 ވަނަ އަހަރު އޮތް ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ އޭގެ ފަހުން ކޮލަމްބިއާ އިން މުބާާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އޮތް މުބާރާތުގައި ކޮލަމްބިއާ އިން ވަނީ ތިން ވަނަ ހޯދައިފަ އެވެ.

އާޖެންޓީނާާ އާއި ކޮލަމްބިއާ ބައްދަލު ކުރާ ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުގެ ފަތިހު އެވެ.

- ކޮމެންޓް