ކ. މާލެ
|
11 ޖުލައި 2024 | ބުރާސްފަތި 07:52
މީގެ ކުރިން ފްރާންސްގެ ޤައުމީ ޓީމުން ކުޅުނު މެޗެއްގައި މެކްރޮކް
މީގެ ކުރިން ފްރާންސްގެ ޤައުމީ ޓީމުން ކުޅުނު މެޗެއްގައި މެކްރޮކް
ރޮއިޓާސް
ޔޫރޯ 2024
ފަހު ވަގުތާ ޖެހެންދެން، ފްރާންސް ކުރި ހިތްވަރަށް މެކްރޮންގެ ތައުރީފު
ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި މެކްރޮން ވިދާޅުވީ، ފްރާންސް ޓީމުން ޔޫރޯ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރީ ހިތްވަރާ އެކު ކަމަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފްރާންސް ޤައުމީ ޓީމުން އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރާއެކު މަސައްކަތް ކުރި ކަމަށް ވިދާޅުވެ، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ޓީމަށް ތައުރީފު ކުރައްވައި، ހިތްވަރު ދެއްވައިފި އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް ވަނީ ސްޕެއިން އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. އެ މެޗުން ފްރާންސް ބަލިވީ، ފުރަތަމަ ލަނޑު ޖަހައި ލީޑު ވެސް ނަގާފައި ވަނިކޮށެވެ. މުބާރާތުގައި ފްރާންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ފްރާންސްގެ ރައީސް މެކްރޮން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފްރާންސް ޓީމުން ޔޫރޯ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރީ ހިތްވަރާ އެކު ކަމަށެވެ. އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ފްރާންސް އަށް އަދި ފްރާންސްގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭން މަސައްކަތް ކުރި ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. މެކްރޮން ވަނީ ފްރާންސް ޤައުމީ ޓީމަށް ޝުކުރު އަދާ ކުރައްވައި، ފައިނަލަށް ދިޔަ ސްޕެއިންގެ ޓީމަށް މަރުޙަބާ ވެސް ވިދާޅުވެފަ އެވެ.

ފްރާންސް އިން ވަނީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އާޖެންޓީނާއާ ދެކޮޅަށް ފްރާންސް ކުޅުނު ފައިނަލް މެޗު ބައްލަވާލައްވައި، ޓީމަށް ހިތްވަރު ދެއްވުމަށް ވެސް މެކްރޮން ޤަތަރަށް ވަޑައިގެންނެވި އެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ރަޝިޔާގައި ކުރިއަށް ދިޔަ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު ބައްލަވާލެއްވުމަށް ވެސް މެކްރޮން ވަޑައިގެންނެވި އެވެ.

- ކޮމެންޓް