ބުރާސްފަތު ދުވަހުގެ ރޭ ހެންވޭރު މަޖީދީ މަގާއި ޖަނަވަރީ މަގު ކަންމަތީ ސަރަހައްދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުން ރޫޅާލައި، ހައްޔަރުކުރި މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދުދާއިރާގެ މެމްބަރު އަޒްރާ މޫސާއާ އެކު އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާއްމުންގެ ބައެއް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭގެ މުޒާހަރާއިން ހައްޔަރުކުރި 7 މީހުން ދޫކޮށްލާފައިވަނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓާށް ހާޒިރު ކުރުމުން، ހުކުރު ދުވަހުގެ ހަވީރުއެވެ.
މި މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދުދާއިރާގެ މެމްބަރު އަޒްރާ މޫސާ އާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ކަމުގައިވާ މުހައްމަދު ނިހާދާއި، ޒިފްލީން ހަސަން އާއި ހަސަން އަހުމަދު (ހަސަންޓޭ) އަދި އަލީ ޝާމް ގެ އިތުރުން މުޒާހަރާގައި ބައިވެރިވި އިތުރު 2 މީހެކެވެ.
ބުރާސްފަތި ދުވަހުގެރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައިވާއިރު، ހުކުރު ދުވަހުގެރޭ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި އެއްވުމެއް ބޭއްވުމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.