ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އަށް ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައިގައި ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފިއެވެ.
އެރޭ ނަދީމްއަށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޖުލައި 29 ވަނަ ދުވަހު ނަދީމް ވަނީ ނިޔާވެފައެވެ.
މި މައްސަލައިގައި ބަންދުކުރި މީހާ އާއި ގުޅޭ މަޢުލޫމާތު ފުލުހުން ހާމަ ނުކުރި ނަމަވެސް، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ތަފާތު އެކި ކުށްތަކުގައި މީގެކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގ. ޝާރާޒް، މުހައްމަދު މަފާޒް ޙުސައިން ސަލީމް (ޕެންސިލް) އެވެ.
މަފާޒް ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން، ސަބުދެރިޔާ މަގުގައި ހުންނަ ގ. ޖެލީފިޝް ބަލައި ފާސްކުރުމަށް ފަހު ބުރާސްފަތި ދުވަހުގެރެއެވެ. އޭނާ ހައްޔަރުކުރީ ނަދީމްއަށް ހަމަލަދިނުމުގައި ބައިވެރިވުމާއި، ބަޔަކަށް ބިރުދެއްކިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައެވެ.
މަފާޒަކީ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ކަނޑައަޅައި މީގެ ކުރިން މޮނިކޮން އަމުރުގެ ދަށުން ޓެގްވެސް އެޅުވި މީހެކެވެ. މޮނިކޮން އަމުރުގެ މުއްދަތު ހަމަވުމުގެ ސަބަބުން ޓެގް ނެއްޓި ނަމަވެސް، މޮނިކޮން އަމުރާއި ޚިލާފުވެގެން އޭރު މަފާޒްގެ މައްޗަށް ދައުވާވެސް ކޮށްފައިވެއެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ މިނިވަންވެ، އާންމުންގެ ތެރެއަށް ދޫކޮށްލާފައެވެ. އޭނާ މިނިވަން ވާން ދިމާވި ސަބަބެއް ކަމާއިބެހޭ ފަރާތްތަކުން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ޖުލައި 29 ވަނަ ދުވަހު ނިޔާވި ނަދީމަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ތިބި ދެމީހެކެވެ. އެ ހަމަލާގައި ނަދީމްގެ ގަޔަށާއި ބޮލަށް ވަޅިހަރާފައިވެއެވެ.
ފަހަކަށް އައިސް މާލޭގައި ގޭންގު މާރާމަރީތައް އިތުރުވެފައިވާއިރު، މާރާމާރީތަކާއި ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.