ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 09:48
މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް
އެންމެ ފަހުން ނެދަލެންޑްސް އިން ޔޫރޯ މުބާރާތެއްގެ ސެމީ ފައިނަލްގައި ކުޅުނީ 2004 ވަނަ އަހަރު އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނެދަލެންޑްސް އިން މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވސް ތުރުކީންނެވެ. ނަމަވެސް ނެދަލެންޑްސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، ސެމީ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ތުރުކީ އަށް ލީޑު ނަގައިދިނީ ސަމެތު އަކައިދިން އެވެ. އޭނާ އެ ލަނޑު ޖެހީ އާޑާ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ދެ ވަނަ ހާފުގައި ސްވިޒަލެންޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޓެފަން ޑި ވްރައި އެވެ. އެ ލަނޑު އޭނާ ޖެހީ މެމްފިސް ޑިޕާއީ ތަނަވަސްކޮށްދިން ފުރުސަތެއްގައި، މެޗުގެ 70 ވަނަ މިނެޓުގަ އެވެ. އޭގެ ހަ މިނެޓު ފަހުން ނެދަލެންޑްސް އަށް ލީޑު ލިބުނީ ތުރުކީގެ ޑިފެންޑަރު މާޓް މުލްދުރް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

އެންމެ ފަހުން ނެދަލެންޑްސް އިން ޔޫރޯ މުބާރާތެއްގެ ސެމީ ފައިނަލްގައި ކުޅުނީ 2004 ވަނަ އަހަރު އެވެ. އެ އަހަރުގެ ސެމީ ފައިނަލް އިން ބަލިވެ އެ ޓީމު މުބާރާތުން ކެޓި އެވެ. ނެދަލެންޑްސް ވަނީ މީގެ ކުރިން 1988 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ވެސް ކޮށްފަ އެވެ.

މިއަހަރުގެ ޔޫރޯ ގައި ނެދަލެންޑްސް އިން މޮޅަށް ކުޅެމުން އަންނައިރު، ސެމީ ފައިނަލްގައި އެ ޓީމު ނިކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް