ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 11:01
ޚާން ޔޫނިސްގައި ހުންނަ ޣައްޒާ ޔޫރަޕިއަން ހޮސްޕިޓަލް - ކުވޭތީ ފީލްޑް ހޮސްޕިޓަލުގައި ވެސް ހިންގާފައި ހުރި ހަމަ އެކަނި ޖަނަރޭޓަރަށް ތެޔޮ ނުލިބުމުގެ ސަބަބުން ޚިދުމަތް ވަނީ ހުއްޓާލަން ޖެހިފަ
ޚާން ޔޫނިސްގައި ހުންނަ ޣައްޒާ ޔޫރަޕިއަން ހޮސްޕިޓަލް - ކުވޭތީ ފީލްޑް ހޮސްޕިޓަލުގައި ވެސް ހިންގާފައި ހުރި ހަމަ އެކަނި ޖަނަރޭޓަރަށް ތެޔޮ ނުލިބުމުގެ ސަބަބުން ޚިދުމަތް ވަނީ ހުއްޓާލަން ޖެހިފަ
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޚާން ޔޫނިސް ގައި ޚިދުމަތްދޭ ހަމައެކަނި ހޮސްޕިޓަލްގެ ޚިދުމަތް ހުއްޓާލަނީ
ހަމާސް އިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް މަޝްވަރާ ކުރުމަށް އިޒްރޭލުގެ ވަފްދެއް ގަތަރުގެ ވެރިރަށް ދޯހާ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާ ދީ އަލް ޖަޒީރާ އިން ވަނީ ބުނެފައެވެ.

ޔަހޫދީ ސިފައިންގެ އަނިޔާވެރިކަން މި ވަގުތު އެންމެ ބޮޑު ވެފައިވާ ޚާން ޔޫނިސް ގައި ހުރި ޚިދުމަތްދޭ ހަމައެކަނި ހޮސްޕިޓަލު ގައި ހުރި ޖަނަރޭޓަރަށް ތެޔޮ އެޅޭނެ ގޮތެއް ނެތުމުގެ ސަބަބުން އެ ތަނުގެ ޚިދުމަތް ހުއްޓާލަން ޖެހިފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެފިއެވެ.

ސިއްހީ އޮފިޝަލުންނާ ހަވާލާ ދީ އަލްޖަޒީރާ އިން ބުނެފައިވަނީ ރަފަހް ކައިރީ ގައި ހުންނަ ކުވޭތީ ފީލްޑް ހޮސްޕިޓަލުގެ ހާލަތުވެސް ހުރީ ހަމަ މިފަދައިން ކަމަށެވެ. އެ ހޮސްޕިޓަލުގައި ހިންގާފައި ހުރި ހަމަ އެކަނި ޖަނަރޭޓަރަށް ތެޔޮ ނުލިބުމުގެ ސަބަބުން ޚިދުމަތް ވަނީ ހުއްޓާލަން ޖެހިފައެވެ.

އަނެއްކޮޅުން ސުލްހައިގެ ވާހަކަ ތަކަށް އަލިމަގެއް ފެނިދާނެ ކަމުގެ ފަނޑު އުއްމީދެއް ލިބިފައިވާ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ފެށުމުގެ ކުރިން، އަލްޖަޒީރާ އިން ހާމަ ކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑް ގެ ވެރިޔާ ޑޭވިޑް ބާރނިއާ ގަތަރުގެ ބޮޑު ވަޒީރު އާ ބައްދަލު ކުރަން ގަތަރުގެ ވެރިރަށް ދޯހާ އަށް ދަތުރު ކުރާ ގޮތައް މިހާރު ވަނީ ހަމަޖެހިފައެވެ. އިޒްރޭލުގެ ޖާސޫސީ އިދާރާގެ ވެރިޔާއާ އެކު ހަމާސް އިން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް މަޝްވަރާ ކުރުމަށް އިޒްރޭލުން ބައިވެރިވާ ވަފުދުވެސް ގަތަރަށް ދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ގާޒާގެ އެކި ސަރަހައްދު ތަކުގައި އިޒްރޭލް ސިފައިން އުދުވާން ހިންގަމުން ދާއިރު، ލުބުނާންގެ ހިޒްބުﷲ އިން އިޒްރޭލުގެ ބައެއް އަސްކަރީ މަގާމުތަކަށް އަމާޒު ކޮށް 200 ށް ވުރެ ގިނަ ރޮކެޓް ހަމަލާ ބުރާސްފަތި ދުވަހު ވަނީ ދީފައެވެ. މިއީ ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު އިޒްރޭލް ސިފައިން ހަމަލާދީ މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމަށް އެ ޖަމާއަތުން ދިން ހަމަލާ އެއް ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 38،011 މީހުން ވަނީ މަރުވެ، 87،445 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި މަރުވެފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް