ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 14:18
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ގޫގުލް
ހުކުރު ޚުތުބާ
ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ
އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމައެއްގައި ސުލްހަވެރިކަމެއް ނޯންނާނެ
ޒުވާނަކު ކުށަކަށް އަރައިގަތުމުން އޭނާ ހެޔޮމަގަށް ގެނެސް ތަރުބިއްޔަތުދީ ހެޔޮމުސްތަގުބަލެއް މަގުފަހިކޮށްދެވެން ޖެހޭނެ
އިސްލާމްދީނުގައިވެސް ޒުވާނުންނަށް ވަނީ މަތިވެރި މަގާމެއް ވަނީ ދެއްވާފައި

ދިވެހިރާއްޖެ މިއަދު މިވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާ ކުރުމަށާއި ތަރައްގީ އާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާސިލްވުމަށްތަކައި ގިނަގުނަ މަސައްކަތް ކުރަން ޖެހިފައި ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގެ މައުޟޫއަކީ "މުޖުތަމައު ބިނާކުރުމުގައި ހެޔޮލަފާ ޒުވާނުން" ނެވެ.

ޚުތުބާގައި ބުނެފައިވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނީ އަދުލުވެރިކަމާއި އިންސާފު ގާއިމްކުރުމާއި ނުބައިކަންތައް ނަހީކޮށްގެން ކަމަށެވެ. އަދުލުވެރިކަން ނެތް މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށާއި އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމައެއްގައި ސުލްހަވެރިކަމެއް ނޯންނާނެ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ އަދި ހިތާމައަކީ އެކަމުގެ މައްޗަށް މުޅި ގައުމާއި އެ ޒުވާނުންގެ އާއިލާތައް ހިތާމަކުރާނޭ ކަމެއް ކަމަށާއި ޒުވާނަކު ކުށަކަށް އަރައިގަތުމުން އޭނާ ހެޔޮމަގަށް ގެނެސް ތަރުބިއްޔަތު ދީ ހެޔޮމުސްތަގުބަލެއް މަގުފަހިކޮށްދެވެން ޖެހޭނެކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

ޒުވާނުންނަކީ ގައުމުގެ އުއްމީދު ކަމަށްވާ އިރު އިސްލާމްދީނުގައި ވެސް ޒުވާނުންނަށް ވަނީ މަތިވެރި މަގާމެއް ދީފައި ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ. އެގޮތުން ހެޔޮގޮތުގައި ތަރުބިއްޔަތުވެގެން ﷲއަށް އަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް އަރުޝީގެ ހިޔާވަހިކަން ދެއްވާނެ ކަމަށް ރަސޫލާ (ސ) ހަދީސްކުރެއްވި ކަމަށް ބުނެފައި ވެއެވެ.

"ރަސޫލާ (ސ) ހަދީސް ކުރެއްވިއެވެ. ﷲ އެންގެވި ގޮތުގައި ތަރުބިއްޔަތު ވެގެން އަޅުކަންކުރުންމަތީ ދެމިހުންނަ ޒުވާނާއަށް ﷲގެ އަރްޝީގެ ހިޔާވަހިކަން ލިބިގެންވެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

އަދި އެފަދައިން އިސްލާމީ ގިއުގަނޑުގެ ތެރޭން ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން، އުފާފާޅުކުރުމާއި މަޖާކުރުން އަދި ދަތުރު ދިއުމާއި ހަފްލާތައް ބޭއްވުމަކީ ދީން މަނާ ކުރާ ކަމެއް ނޫން ކަމަށާއި ރަސޫލާ (ސ) އެކަންކަމުން ނަމޫނާ ދައްކަވާފައިވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް