ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 11:53
މެކްސިކޯ އާއި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން
މެކްސިކޯ އާއި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
މެކްސިކޯއާ އެއްވަަރުކޮށް، ކުއާޓާ ފައިނަލްގެ ފުރުސަތު އެކުއެޑޯ އަށް
މުބާރާތުގެ ކުއާޓާ ފައިނަލްގައި އެކުއެޑޯ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މެކްސިކޯއާ އެއްވަރުކޮށް، ކުއާޓާ ފައިނަލްގެ ޖާގަ އެކުއެޑޯ އިން ހޯދައިފި އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މި ދެ ޓީމު ނިކުތްއިރު، މެކްސިކޯ އަށް ކުއާޓާ ފައިނަލް އިން ފުރުސަތު ލިބެން އޮތީ މެޗުން މޮޅުވެގެންނެވެ. މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން، ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދެން އެކުއެޑޯ އަށް އޮތެވެ.

މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގައި މެކްސިކޯ އަށް ލީޑު ނަގައިދޭން އެ ޓީމުގެ ސެސާ ހުއާޓާ އަށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުން މެކްސިކޯގެ ލުއިސް ރޮމޯ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ، އެކުއެޑޯގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފަ އެވެ. އޭގެ އިރު ކޮޅެއް ފަހުން ރޮމޯ ފޮނުވާލި ބޯޅަ، އެކުއެޑޯގެ ގޯލު ކީޕަރު އެލެކްސެންޑާ ޑޮމިންގުއޭޒް ވަނީ މަތަކޮށްފަ އެވެ. ރީ ބައުންސަށް އައި ބޯޅަ ލުއިސް ޗާވެޒް ފޮނުވާލި ނަމަވެސް، އަނެއްކާ ވެސް ޑޮމިންގުއޭޒް ވަނީ އެ ބޯޅަ ވެސް މަތަކޮށްފަ އެވެ.

މެޗުގައި އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ބާރު ހަމަލާއެއް މެކްސިކޯގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އެކުއެޑޯގެ ކެވިން ރޮޑްރިގޭޒް އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. އެގޮތުގައި އޮވެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މެޗު އެއްވަރުވެ އެކުއެޑޯ އަށް ލިބެނީ ގްރޫޕް ބީގެ ދެ ވަނަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. މެކްސިކޯ އަށް ގްރޫޕް ގެ ތިން ވަނަ ލިބެނީ ވެސް ތިން މެޗުން ހަތަރު ޕޮއިންޓެވެ. ނަމަވެސް އެކުއެޑޯ އިން ކުރި ހޯދަނީ ލަނޑުގެ ތަފާތުންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި އެކުއެޑޯ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް