ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 11:36
މާލޭ ހިޔާ ހުސްބިމުގައި ހަދަމުންދާ ޕީޕީއެމްގެ ޖަގަހަ: އެ ތަނުގައި މަސައްކަތްކުރުމަށް އެމްއާރުޑީސީގެ ވެހިކަލްތައް ބޭނުންކުރާ މަންޒަރު ވަނީ ފެނިފައި
މާލޭ ހިޔާ ހުސްބިމުގައި ހަދަމުންދާ ޕީޕީއެމްގެ ޖަގަހަ: އެ ތަނުގައި މަސައްކަތްކުރުމަށް އެމްއާރުޑީސީގެ ވެހިކަލްތައް ބޭނުންކުރާ މަންޒަރު ވަނީ ފެނިފައި
ރާއްޖެއެމްވީ
ޕީޕީއެމް ޖަގަހަ
ސިޔާސީ އެއްވެސް ޕާޓީއަކަށް ޖަގަހަ ހެދުމަށް ބިމެއް ދޫކޮށްފައެއް ނުވާނެ: ހައުސިން މިނިސްޓްރީ
މާލޭ ހިޔާ ހުސް ބިމުގައި ދަނީ ޕީޕީއެމްގެ ޖަގަހައެއް ހަދަމުން
ޕީޕީއެމް އިން ބުނަނީ އެ ބިން ކުއްޔަށް ހިފީ މީހެއްގެ އަތުން ކަމަށް
ހައުސިން މިނިސްޓްރީން ބުނަނީ އެ ބިން ދޫކޮށްފައި ވަނީ ތިން އަހަރު ތެރޭ ތަރައްގީ ކުރުމަށް

ސިޔާސީ އެއްވެސް ޕާޓީއަކަށް ޖަގަހައެއް ހެދުމުގެ ނަމުގައި އެއްވެސް ބިމެއް ދޫކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މާލޭ ހިޔާ ހުސްބިމުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަގަހައެއް ހެދުމަށް ދޫކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާލޭ ހިޔާގެ ހުސް ބިން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާންކުރި ކަމަށެވެ. އަދި އެ ބިން ދޫކުރީ އެންމެ ގިނައިން މާކްސް ހޯދި ފަރާތަށް ކަމަށާއި އެތަން ދޫކުރީ ސިޔާސީ ޕާޓިއަކަށް ނޫން ކަމަށް ބަޔާނުގައި ވެއެވެ. 

ނަމަވެސް އެ ބިން ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީން ދީފައި ވަނީ ކޮން ބޭނުމެއްގައި ކޮންފަރާތަކަށް ކަމެއް ނޫސް ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ބިން ދޫކޮށްފައިވާ ފަރާތާ އެކު ހަދާފައިވާ އެއްބަސްވުމަކީ ކޮބައިކަމެއް އަދި އެކަން މިހާރު ކުރަނީ އެއްބަސްވުމާ އެއްގޮތަށް ކަމެއް ވެސް ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އެ ތަރައްގީކޮށް ހިންގުމަށް ދޫކޮށްފައިވާ އިރު ސިޔާސީ ހަރަކާތަކަށް އެ ބިން ބޭނުންކުރަނީ އެއްބަސްވުމާ އެއްގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ހައުސިން މިނިސްޓްރީން ނުބުނެއެވެ. 

މިނިސްޓްރީގެ ބަޔާނުގައި ވަނީ އެ ބިމުގައި ޕާޓީއެއްގެ ޖަގަހަ ހެދުމަށް ދޫކޮށްފައި ނުވާނެ ކަމަށާއި އަދި އެތަނުގައި މަސައްކަތް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުން ވެސް ވީއްލާފައި ވެސް ނުވާނެ ކަމަށެވެ. 

މާލޭ ހިޔާގެ ހުސްބިމުގައި ސިޔާސީ އެއްވެސް ޕާޓީއަކަށް ޖަގަހަ ހެދުމަށް ދޫކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް އެތަނުގައި ޕީޕީއެމްގެ ޖަގަހައެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. 

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ފުޅާކުރުމަށް މާލޭގައި ގިނަ އަދަދެއްގެ ޖަގަހަތައް ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީޕީއެމުން ހަދަމުން އަންނަ ޖަގަހަތަކަކީ ސަރުކާރުގެ ބިންތަކުގައި ކުރާ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބިމެއް އެހެން މީހަކު ނަގާފައި އޮއްވައި އޭނާގެ އަތުން އެ ބިން ޕީޕީއެމުން ކުލި ދައްކާ ގޮތަށް އެއްބަސްވުމެއްގެ ދަށުން އެކަން ކުރުން ގާނޫނު މަނައެއް ނުކުރެ އެވެ. އެތަން އަންނަ ހޯމަ ދުވަހު ހުޅުވުމާ އެކު ހަރަކާތްތައް ވަރަށް ފޯރިއާއެކު ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިން ވެސްޓް ޕާކް ހުރި ސަރަހައްދުގައި ވެސް ޕީޕީއެމުން އަންނަނީ ބޮޑު ޖަގަހެއް ހަދަމުންނެވެ.

ކުރިން ވަގުތީ ފުރުގާން މިސްކިތް ހަދާފައި ހުރި ސަރަހައްދުގައި ޕީޕީއެމް އިން ޖަގަހަ ހަދަމުންދާ އިރު އެ ސަރަހައްދުގައި މަސައްކަތްކުރުމަށް ހައުސިން މިނިސްޓްރީގެ ނަން ޖަހާފައިވާ ވެހިކަލްތައް ބޭނުންކުރާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 އޯގަސްޓް 2017 | ހުކުރު 13:43
ކަދުރޭ
ޢަދުރޭ ! ކަލެޔަށް އިގޭތަ ކޮރަޕްޝަން ، މަ ޙީކުރީ ނޭގޭނެ ކަމަށް.??????