ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އަށް ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
އެރޭ ނަދީމްއަށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޖުލައި 29 ވަނަ ދުވަހު ނަދީމް ވަނީ ނިޔާވެފަ އެވެ.
މި މައްސަލައިގައި ބުޜާސްފަތި ދުވަހު ހަވީރުން ފެށިގެން، ސަބުދެރިޔާ މަގުގައި ހުންނަ ގ. ޖެލީފިޝް ބަލައި ފާސްކުރުމަށް ފަހު ބުރާސްފަތި ދުވަހުގެރޭ ފުލުހުން ވަނީ ނަދީމްއަށް ހަމަލަދިނުމުގައި ބައިވެރިވިކަމަށް ތުޙުމަތުކުރެވޭ މީހަކު އެގެއިން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހާގެ މަޢުލޫމާތު ފުލުހުން ހާމަ ނުކުރި ނަމަވެސް، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ކަނޑައަޅައި މީހެ ކުރިން މޮނިކޮން އަމުރުގެ ދަށުން ޓެގްވެސް އެޅުވި، ގ. ޝާރާޒް، މުހައްމަދު މަފާޒް (ޕެންސިލް) އެވެ. މޮނިކޮން އަމުރާއި ޚިލާފުވެގެން އޭރު މަފާޒްގެ މައްޗަށް ދައުވާވެސް ކޮށްފައިވެއެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ މިނިވަން ވެފައެވެ.
ގ. ޖެލީފިޝްއިން މީހަކު ހައްޔަރުކުރުމުގެ އިތުރުން، ފުލުހުން ވަނީ މައްސަލައާއި ގުޅުންހުރި ބައެއް ތަކެތިވެސް އެގެއިން ހޯދާފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ގ. ޖެލީފިޝް ބަލައި ފާސްކުރަމުން ދިޔައިރު، އިތުރު މައްސަލައެއްގެ ތުޙުމަތުގައި ވެސް އެގެއިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފަހަކަށް އައިސް މާލޭގައި ގޭންގު މާރާމަރީތައް އިތުރުވެފައިވާއިރު، މާރާމާރީތަކާއި ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.