ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 18:14
ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބަކާ
ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބަކާ
ރާއްޖެއެމްވީ
މުޙައްމަދު އާރިފް (ބަކާ)
ފުޓުބޯޅަ ލެޖެންޑު ބަކާ ނިޔާވެއްޖެ
ބަކާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި.

ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ނިޔާވެއްޖެ އެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ ކުއްލި އަކަށް ހުންގަދަވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ބަކާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ބަކާ އަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފެށީ، ޙައްޖުގެ އަޅުަކަން އަދާ ކުރުމަށްފަހު އެނބުރި ރާއްޖެ އައި ފަހުން ހުން ގަދަވެ، ޙާލު ދެރަވެގެންނެވެ.

ބަކާ ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް، ބަކާގެ އާއިލާ އަށް ތައުޒުފާ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިތުރުންް ބަކާ ކުޅެފައިވާ ކުލަބުތަކާއި، ބަކާ އާއެކު ޤައުމީ ޓީމު އަދި ކުލަބުތަކަށް ކުޅެފައިވާ ކުޅުންތެރިންގެ އިތުރުން، ކޯޗުންނާއި ފުޓުބޯޅަ އާއިލާގެ މެމްބަރުން ވެސް ހިމެނެ އެވެ.

ބަކާ ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ އިތުރުން، ގިނަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ. ރާއްޖެ އިން 2008 ވަނަ އަހަރުގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބު ކުރި ޓީމުގައި ވެސް ބަކާ ހިމެނެ އެވެ. އެ މުބާރާތުގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި ބަކާ ވަނީ މުހިންމު ދައުރެއް ވެސް އަދާ ކޮށްފަ އެވެ.

ބަކާ ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން، ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު ވިކްޓަރީ، ކުލަބު އީގަލްސް، ކުލަބު ގްރީން ސްޓްރީޓްސް ފަދަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް