ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 10:51
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
ރޮއިޓާރސް
ޔޫރޯ 2024
ޕޮލެންޑު މެޗު ފަސޭހަ ނުކުރާނަން: ޑެޝޯމްޕްސް
ފްރާންސް އިން ބޭނުން ވަނީ ގްރޫޕުގައި ހޯދެން އޮތް އެންމެ ރަނގަޅު މަގާމު ހޯދުން ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފައި.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި ޕޮލެންޑާ ދެކޮޅަށް ނިކުންނައިރު، އެ މެޗު ފަސޭހަ ނުކުރާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ ޕޮލެންޑާ ދެކޮޅަށް ފްރާންސް ނިކުންނައިރު، ޕޮލެންޑު ވަނީ މުބާރާތުން ކަޓައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާތީ އެވެ. އެހެން ނަމަވެސް ފްރާންސް އަށް ވަނީ މުބާރާތުގެ ގަދަ 16 އިންް ޖާގަ ޔަގީންވެފަ އެވެ. ފްރާންސް އަށް މިހާތަނަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕް ޑީގެ ތިން ވަނަ އަށް ފްރާންސް ދިޔަ ނަަމަވެސް، އެ ޓީމަށް ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ.

ޕޮލެންޑު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ، ފްރާންސް އިން އަބަދު ވެސް އިދިކޮޅަށް ކުޅެން އޮންނަ ޓީމަކަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށެވެ. ފްރާންސްއާ ދެކޮޅަށް ކޮންމެ ޓީމަކުން ނިކުތް ނަމަވެސް، އެ ޓީމެއް ވެސް މަސައްކަތް ކުރާނީ މެޗުން މޮޅުވާން ކަމަށް ޑެޝޯމްޕްސް ބުންޏެވެ. ޔޫރޯ އަކީ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތެއްކަން ފާހަގަކޮށް ޑެޝޯމްޕްސް ބުނީ، ޕޮލެންޑުން މެޗު ދޫކޮށްލައިގެން ތިބޭނެ ކަަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ ފްރާންސް އިން ކޮންމެ މެޗެއް ވެސް އެނަލައިޒް ކުރާ ކަމަށެވެ. ޚާއްސަކޮށް އެކި ފަހަރު ކުޅެން ޖެހޭނީ އެކި ޓީމުތަކާ ދެކޮޅަށް ކަަމަށާއި، އެއިން ކޮންމެ ޓީމަކީ ވެސް ތަފާތު ޓީމެއްކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެންމެ ފަހުން ފްރާންސް އިން މެޗެއް ކުޅުނީ ތިން ވަރަކަށް ދުވަސް ކުރިން ކަމަށާއި، މި ފާއިތުވި މުއްދަތުގައި ރިކަވަރީ އަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް އޭނާ ބުންޏެވެ. ފްރާންސް އިން ބޭނުން ވަނީ ގްރޫޕުގައި ހޯދެން އޮތް އެންމެ ރަނގަޅު މަގާމު ހޯދުން ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ރޭ ޕޮލެންޑާ ދެކޮޅަށް ނިކުންނައިރު، މި ގްރޫޕްގެ އެއް ވަނައިގައި ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ފްރާންސް އަށް ވެސް އެބަ އޮތެވެ. ފްރާންސް އާއި ޕޮލެންޑު ބައްދަލު ކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް