ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 09:58
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް
އިޓަލީން ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ތިން ވަނަ މެޗުގައި ފަހު ވަގުތު ލަނޑު ޖަހައިގެން، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކްރޮއޭޝިއާއާ ދެކޮޅަށް ނިކުތްއިރު، އެ މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗަކަށްވި އެވެ. ޚާއްސަކޮށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަަ ހޯދުމަށް ދެ ޓީމަށް ވެސް އެ މެޗު މުހިންމުވި އެވެ. މެޗުން މޮޅުވެ، ގަދަ 16 ވަަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ކްރޮއޭޝިއާ އަށް އޮތްއިރު، މެޗު އެއްވަރުކޮށްގެން ވެސް ގަދަ 16 އަށް ދިޔުމުގެ ފުރުސަތު އިޓަލީ އަށް އޮތެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކްރޮއޭޝިއާ އިންނެވެ. ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ލީޑު ނެގި އެވެ. އޭގެ ކުރިން އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ބޯޅަ އިޓަލީގެ ގޯލު ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ކްރޮއޭޝިއާ އަށް ލީޑު ނަގައިދިނީ މޮޑްރިޗް އެވެ. އެއީ ރީބައުންސަށް ނިކުތް ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުން ކްރޮއޭޝިއާ މޮޅުވާން ދަނިކޮށް، އިޓަލީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އިޓަލީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަޓެއާ ޒަކާނީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރިކާޑޯ ކަލަފިއޯރީ އެވެ. މެޗުގައި ޒަކާނީ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ނަތީޖާ އާއެކު އިޓަލީން ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ކްރޮއޭޝިއާ އޮތީ ތިން މެޗުން ދެ ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ކްރޮއޭޝިއާ އަށް ދެން އޮންނާނީ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ތިން ޓީމުގެ ތެރެއިން ފުރުސަތު ލިބިއްޖެ ނަމަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް