ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 19:48
އައްޑޫ މަސްވެރިން މުޒާހަރާގައި
އައްޑޫ މަސްވެރިން މުޒާހަރާގައި
ރާއްޖެއެމްވީ
އައްޑޫ މަސްވެރިންގެ މުޒާހަރާ
ދޭން ޖެހޭ ލާރި ދޭނޭ ކަމުގެ އުއްމީދު ދިނުމުގެ ބަދަލުގައި އައްޑޫ މަސްވެރިންނަށް މިފްކޯ އިން ދިނީ އިންޒާރު
މަސްވެރިން ބުނަނީ ފިޔަވަޅު އެޅިޔަސް އެމީހުންގެ ޑިމާންޑްތަކަށް ހައްލެއް ނުލިބެނީސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް

އައްޑޫގެ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ލާރި ނުދޭތީ ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގެ މަސައްކަތައް ހުރަސް އަޅާނަމަ އެކަމުގައި ބައިވެރިވާ އޮޑިފަހަރުން ތިން މަސް ދުވަހުގެ މުއްދަތަށް މަސް ގަތުން ހުއްޓާލާނެ ކަމަށް ބުނެ މަސްވެރިންނަށް އާދިއްތަ ދުވަހު ހަވީރު މިފްކޯ އިން އިންޒާރު ދީފިއެވެ.

މިފްކޯގެ މި އިންޒާރާ ގުޅިގެން އިހްތިޖާޖުގައި ބައިވެރިން ބުނެފައިވަނީ މިފްކޯ އިން ސަސްޕެންޑް ކުރިއަސް އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.

"ދެންމެ އެބައޮތް މިފްކޯ އިން ނޫސްބަޔާނެއް ނެރެފައި، މިތާ މިއޮތް މަސް ދޯނި ފަހަރުން ފިޝަރީޒް ކޮމްޕްލެކްސްގެ އަސާސީ ޚިދުމަތް ކަނޑާފައޭ ކިޔާފައި، މިތާ އޮތް 16 ދޯނި ސަސްޕެންޑް ކުރާނެ ވާހަކަ." މިފްކޯގެ އިންޒާރު މުޒާހަރާގެ ބައިވެރިންނަށް ކިޔައިދެމުން އާދިއްތަ ދުވަހު ހަވީރު މުޒާހަރާގައި ވާހަކަ ދެއްކި ބައިވެރިއަކު ބުނެފައިވެއެވެ.

"އަހަރެމެން ބުނަން އޮތީ އަހަރެމެން ސަސްޕެންޑް ކުރިއަސް އަހަރެމެންގެ ޑިމާންޑްތައް ފުރިހަމަ ނުވާނަމަ އިހުތިޖާޖު ކުރިއަށް ދާނޭ." އޭނާ ބުނެފައިވެއެވެ. އެއާ އެކު އެއްވެ ތިބި މުޒާހަރާގެ ބައިވެރިން އޭނާގެ ވާހަކަ އަށް ތާއީދުކޮށް ވަނީ އަޑު އުފުލާފައެވެ.

މިފްކޯ އިން ބުނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން އެ ތަނުގެ އޮޕަރޭޝަން ހުއްޓުވާފައިވާތީ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.

އައްޑޫގައި މުޒާހަރާ ކުރާ މަސްވެރިން ބުނަމުން އަންނަނީ އެމީހުން މިފްކޯ އަށް ކިރާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސް ވުމުން އެ މީހުންގެ އާއިލާތައް ތިބީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެގެން ކަން ފާހަގަ ކުރެވެއެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރުން އިހްތިޖާޖުގެ ބައިވެރިންނަށް އެއްވެސް އިޖާބައެއް މިހާތަނަށް ދީފައި ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
25%
0%
75%
0%
0%
0%
ކޮމެންޓް