ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 15:48
ހިޒްބު ﷲ ގެ ލީޑަރ ޙަސަން ނަސްރު ﷲގެ ފޮޓޯ ޕޯސްޓަރ އެއް
ހިޒްބު ﷲ ގެ ލީޑަރ ޙަސަން ނަސްރު ﷲގެ ފޮޓޯ ޕޯސްޓަރ އެއް
އަލް- ޖަޒީރާ
ހިޒްބުﷲ އަކީ ކޮބާ
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
އެ ޖަމާޢަތް އުފެދިގެން އައި އިރު، ހިޒްބުﷲ ގެ މައިގަނޑު މަޤްޞަދަކަށް ވީ ލުބްނާނުން އިޒްރޭލު ބޭރު ކުރުން. ހިޒްބުﷲ އުފެއްދުމަށްފަހު އެ ޖަމާޢަތުން ވަނީ މެނިފެސްޓޯއެއްވެސް އާންމުކޮށްފައި. މެނިފެސްޓޯގެ އުސްއަލިތަކަށް ބަލާއިރު، އެ ޖަމާޢަތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިޒްރޭލު ބަލިކޮށް، މެދުއިރުމަތީގެ ސަރަޙައްދުތަކުން ހުޅަނގުގެ އިސްތިޢުމާރީ ބާރުތައް ބޭލުން ހިމެނޭ.

ހިޒްބުﷲ ޖަމާޢަތާއި ނިރުބަވެރި އިޒްރޭލާ ދެމެދު، ބަދަލަށް ބަދަލު ހިފުމުގެ ރޫޙުގައި ބަދަލު ކުރާ ޙަމަލާތައް މިހާރު އޮތީ އިންތިހާ ހައްސާސް ފައްތަރެއްގައެވެ. ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް، މިދިޔަ އޮކްޓޯބަރު މަހު، ޣައްޒާގައި އިޒްރޭލުން ޤަތުލުއާންމު ފެށިފަހުން، ހިޒްބުﷲއާއި އިޒްރޭލުގެ ނިރުބަވެރިންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައްވެސް މަޑުޖެހިފައެއް ނުވެއެވެ.

އިޒްރޭލުން ބުނާ ގޮތުގައި ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަ ކުރާނެ، "އެޕްރޫވްޑް" އަސްކަރީ ޕްލޭނެއް އެބަ އޮތެވެ. ހިޒްބުﷲ ވެސް ދުލެއް ނުދެއެވެ. ހިޒްބުﷲ ގެ ލީޑަރު ވަނީ، އިޒްރޭލުން ކަންބޮޑުވާން ޖެހޭނެ ކަމަށް ބުނެ، ރައްދުގައި ބަހުގެ އިންޒާރެއް ދީފައެވެ. ދެން ވެދާނެ ގޮތެއް ބަލަން މެދުއިރުމަތި އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކަން މިހެން އޮތް އިރު، ހިޒްބުﷲ އަކީ ކޮބައި ހެއްޔެވެ؟

ހިޒްބުﷲގެ މަޤްޞަދަކީ ކޮބާ؟

އެ ޖަމާޢަތް އުފެދިގެން އައި އިރު، ހިޒްބުﷲ ގެ މައިގަނޑު މަޤްޞަދަކަށް ވީ ލުބްނާނުން އިޒްރޭލު ބޭރު ކުރުމެވެ. 20 އަކަށް އަހަރު ދުވަހުގެ ހަނގުރާމައަށް ފަހު، ލުބްނާންގެ ދެކުނުގެ ސަރަޙައްދުން އިޒްރޭލު ފައިބައިގެން ދިޔައީ 2000 ވަނަ އަހަރުއެވެ. އެ ސަރަޙައްދަކަށް އިޒްރޭލުން އަތްގަދަ ކުރަމުން ދިޔަ ސަރަޙައްދުން އިޒްރޭލު ފަހާލި މެދުއިރުމަތީގެ ފުރަތަމަ އަސްކަރީ ބާރަކީ ޚުދު އެ ޖަމާޢަތް ކަމަށް ހިޒްބުﷲ އިން ޤަބޫލުކުރެއެވެ.

1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު ފަލަސްޠީނުގެ ބިންތަކުން ފޭރިގަތް ސަރަޙައްދުތަކާއި، ސޫރިޔާގެ ޖައުލާންގެ އުސްބިންތަކަށް ވެރިވެގަނެގެން އަދިވެސް އުޅެނީ އިޒްރޭލުންނެވެ.

ހިޒްބުﷲ އުފެއްދުމަށްފަހު އެ ޖަމާޢަތުން ވަނީ މެނިފެސްޓޯއެއްވެސް އާންމުކޮށްފައެވެ. މެނިފެސްޓޯގެ އުސްއަލިތަކަށް ބަލާއިރު، އެ ޖަމާޢަތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިޒްރޭލު ބަލިކޮށް، މެދުއިރުމަތީގެ ސަރަޙައްދުތަކުން ހުޅަނގުގެ އިސްތިޢުމާރީ ބާރުތައް ބޭލުން ހިމެނެއެވެ.

ހިޒްބުއްލާއިން އިޒްރޭލާ މީގެ ކުރިން ކުރިމަތިލާފައި ވޭތަ؟

އެއީ 2006 ވަނަ އަހަރުގެ ޖުލައި މަހެވެ. ބޯޑު ހުރަސްކޮށް ހިންގި ރެއިޑެއްގައި އިޒްރޭލު އަސްކަރިއްޔާގެ 2 މީހަކު ހިޒްބުﷲ އަތުލައިގަތެވެ. އަސީރުން ބަދަލު ކުރެވިދާނެ ކަމުގެ އުންމީދުގައެވެ. އިޒްރޭލުން ދިނީ އަސްކަރީ ރައްދެކެވެ. ނަތީޖާއަކަށް ވީ 34 ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައެކެވެ. އެއީ "ޖުލައި ވޯރ" ގެ ނަން ދީފައި ވާ ހަނގުރާމައެވެ.

އަސްކަރީ ބާރާއެކު ދެފަރާތުން ކުރެ އެއް ފަރާތަކަށްވެސް ކުރި ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް ލުބްނާނުން 1100 މީހުން އަދި އިޒްރޭލުން 165  މީހަކު، އެ ހަނގުރާމައިގައި މަރުވިއެވެ.

ކަން އެހެން އޮތް ނަމަވެސް، ޖުލައި ވޯރ އަކީ ހިޒްބުﷲ އަށް ލިބުނު ނަޞްރެއް ކަމަށް، ނަޞްރުﷲ ވަނީ އެތައް ފަހަރެއްގެ މަތީން ސިފަ ކޮށްފައެވެ. އިޒްރޭލުގެ ވަރުގަދަ ފައުޖުތަކާ ދެކޮޅަށް އެ ޖަމާޢަތަށް ދެމި އޮވެވުނީތީއެވެ.

މެދުއިރުމަތީގައި، ދަޢުލަތީ ބާރުތަކުން ބޭރުން، އިޒްރޭލާ ދެކޮޅަށް ނުކުމެވޭނެ ވަރުގެ ޤާބިލިއްޔަތުކަން ލިބިފައި އޮތް ހަމަ އެކަނި ބަޔަކީ ހިޒްބުﷲ ކަމީ، މުޙައްލިލުންގެ މެދުގައި މަޤުބޫލު ފިކުރެކެވެ.

ހިޒްބުއްލާއާއި ޙަމާސް ޖަމާޢަތް ތަފާތުތަ؟

ހިޒްބުﷲ އަކީ ލުބްނާނަށް ނިސްބަތްވާ ޖަމާޢަތެކެވެ. ޙަމާސްއަކީ އިޒްރޭލުގެ ނިރުބަވެރި އިސްތިޢުމާރީންނާ ދެކޮޅަށް ފަލަސްޠީނުގައި ފެށި ފުރަތަމަ އިންތިފާޟާއަށް ފަހު، 1987 ވަނަ އަހަރު ޣައްޒާގައި އުފެދުނު، ފަލަސްޠީނުގެ ޖަމާޢަތެކެވެ. ފަލަސްޠީނުގެ މައި ސަރުކާރުން ވަކިވެ، 2006 ވަނަ އަހަރަށް ފަހު ޣައްޒާ ކޮންޓްރޯލް ކުރަމުން ގެންދަނީ ޙަމާސް ޖަމާޢަތުންނެވެ.

ހިޒްބުއްލާއާއި ޙަމާސްއަކީ ވަކި 2 ޖަމާޢަތެކެވެ. ނަމަވެސް، މަޤްޞަދަކީ އެއް މަޤްޞަދެކެވެ. އެއީ އަސްކަރީ ބާރުވެރިކަމާއެކު އިޒްރޭލާ ދެކޮޅަށް ތެދުވުމެވެ.

އޮކްޓޯބަރ 7، 2023 ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ޙަމަލާއަށް ފަހު، އިޒްރޭލާ ދެކޮޅަށް ފަލަސްޠީނުގައި އުފެދިފައި އޮތް ލީޑަރޝިޕާއި އެ ޖަމާޢަތާ ދެމެދު ވަރަށް ގާތުން މުޢާމަލާތްތަކެއް ކުރިއަށް ދާކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުގެ ޙަމަލާއަކީ، އިޒްރޭލުން ދަންމާލާފައިވާ އިސްތިޢުމާރީ އަޅުވެތިކަމާ ދެކޮޅަށް ދިން ވަރުގަދަ އިޖާބައެއް ކަމަށާ، މަސްރަޙު އޮތީ އާންމު ޙާލެއްގައި ކަމަށް ދެއްކުމަށް މަސައްކަތް ކުރާ މީހުންނަށްވެސް ދިން މެސެޖެއް ކަމަށް ހިޒްބުﷲ އިން ވަނީ ސިފަ ކޮށްފައެވެ. މަސްރަޙު އޮތީ އާންމު ޙާލެއްގައި ކަން ދެއްކުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ގޮތުގައި ރިޢާޔަތް ކޮށްފައި އެ ވަނީ، އިޒްރޭލާއެކު އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު އަމާޒު ވާ ޢަރަބި ޤައުމުތަކަށެވެ.

ހިޒްބުއްލާއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފަށާފާނެތަ؟

ދެ ފަރާތުންވެސް އެންމެ ފަހުން ބަދަލު ކޮށްފައިވާ ބަހުގެ ޙަމަލާތަކާއި، އިތުރު ވެފައިވާ ޙަމަލާ ބަދަލު ކުރުންތަކަށް ބަލާއިރު، ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލުން ހަނގުރާމައެއް ފެށުމަކީ ޙަޤީޤަތުގައިވެސް ވެދާނެ ކަމެއް ކަމުގެ ބިރު ބޮޑެވެ. ހިޒްބުﷲ އިސްވެ ޙަމަލާ ފަށައިފިނަމަ، އެފަދަ ދެވަނަ ރާސްތާއަކަށް ފުރުޞަތު ދޭން ތައްޔާރަށް ތިބި ފަލަސްޠީނުގެ ފެކްޝަންތަކެއް ލުބްނާންގައި އެބައޮތް ކަމަށް މުޙައްލިލުން ބުނަމުން ދާ ތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ޙަމަލާ ބަދަލު ކުރުންތަކުގައި ދެފަރާތުން މަޝްހޫލު ވަނީ ކޮން އުސޫލަކުން ތަފްސީލުކޮށްދީފައި ނުވާ އިރު، އެ ދެމެދުގައި އޮތް ނުތަނަވަސްކަން ދަނީ ހައްތަހާ ބޮޑުވަމުންނެވެ. ހަމަޖެހުން ގެއްލިދާ ފަދަ ލޮޅުންތައް ދަނީ އަރަމުންނެވެ. ހަނގުރާމައިގެ ހުޅުގަނޑު، ހަމަ ކޮންމެ ހިނދެއްގައިވެސް ފަޅައިގެން ހިނގައިދާނެ ކަމަށް ޤަބޫލު ކުރަންޖެހެއެވެ.

ހިޒްބުއްލާ އަކީ ޓެރަރިސްޓު ޖަމާޢަތެއްތަ؟

ހިޒްބުﷲ އަކީ "ޓެރަރިސްޓް" ނުވަތަ "ނިރުބަވެރި" ޖަމާޢަތެއްގެ ގޮތުގައި ބަލާ ބައެއް ޤައުމުތައް އެބަ ހުއްޓެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ހިޒްބުއްލާ ސިފަ ކުރަނީ "ޓެރަރިސްޓް" ޖަމާޢަތެއްގެ ގޮތުގައެވެ. ހިޒްބުﷲ ޖަމާޢަތުގެ އަސްކަރީ ފިޔައަކީ، ވިލާތުގެ އިއްތިޙާދު (އީޔޫ) އިން ޤަބޫލު ކުރާ ގޮތުގައި "ޓެރަރިސްޓް" ގުރޫޕެކެވެ.

އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ބައިނަލްއަޤުވާމީ އެތައް ކަމެއްގައި އެމެރިކާ ކޮޅަށް ބުރަވާކަމުގެ ސިއްކަ ޖެހިފައި އޮތް ސަޢުދީ ޢަރަބިއްޔާއިންވެސް ހިޒްބުﷲ ސިފަ ކުރަނީ "ޓެރަރިސްޓް" ގުރޫޕެއްގެ ގޮތުގައެވެ.

ލުބްނާންގައި ހިޒްބުއްލާގެ ދައުރަކީ ކޮބާ؟

ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ ލުބްނާނުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައިވެސް ހިޒްބުއްލާއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތިއްބެވި ކަމެވެ. ޤާނޫނު ހަދާ މަޖިލީހުގައިވެސްމެއެވެ.

ސިޔާސީ މައިދާނުގައި ހިޒްބުﷲގެ ނަން ފެވެން ފެށީ، 2005 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ރަފީގު ހަރީރީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ޖަމާޢަތުގެ ގާތް އެކުވެރިއެއްގެ ގޮތުގައި އޮތް ސޫރިޔާއިން ލުބްނާން ދޫކޮށް ދިޔަ ހިސާބުންނެވެ.

ހަރީރީއަކީ ލުބްނާންގެ ސިޔާސީ މައިދާނުގައި އޮތް ސަޢުދީ ނުފޫޒުގެ ރަމްޒެކެވެ.

2016 ވަނަ އަހަރު ހިޒްބުﷲ އިން ވަނީ، ލުބްނާންގެ ރައީސްގެ ގޮތުގައި މައިކަލް އައޫން ބަލައިގެންފައެވެ. އޭގެ 2 އަހަރު ފަހުން ހިޒްބުﷲ އާއި އެ ޖަމާޢަތާ ގުޅިފައިވާ އިއްތިޙާދުން ވަނީ، 9 އަހަރަށް ފަހު ލުބްނާނުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ އާންމު އިންތިޚާބުގައި އަޣުލަބިއްޔަތު ކަށަވަރު ކޮށްފައެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ ތެރޭގައި، ހިޒްބުﷲ ބްލޮކަށް އަޣުލަބިއްޔަތު ގެއްލުނެވެ. އެހެނެއް ކަމަކު، ލުބްނާނުގެ ސިޔާސީ މައިދާނުގައި ހިޒްބުﷲ އަކީވެސް އަދިވެސް ވަރުގަދަ ޖަމާޢަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް