ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 16:56
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ހަތަރު މެންބަރުން
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ހަތަރު މެންބަރުން
ރާއްޖެ އެމްވީ
މެންބަރުންގެ ގޮނޑި ގެއްލުން
ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި
ހަތަރު މެންބަރުންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ބާއްވާފަ
ގޮނޑި ގެއްލުނު ކަމަށް ނިންމި ނިންމުން ބާތިލް ކަމަށް ކަނޑައަޅައިދިނުން
ބައި-އިލެކްޝަން ހުއްޓުވައި، މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބޭ ވަގުތީ އަމުރެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަތަރު މެންބަރުންގެ މައްސަލައި އާދީއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.

އެގޮތުން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ މައްސަލަ ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:45 އަށެވެ. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްސަލަ ތާވަލު ކޮށްފައިވަނީ 10:45 އަށެވެ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދުގެ މައްސަލަ މެންދުރު 1:15 އަށް ތާވަލުކޮށްފައިވާއިރު، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ މައްސަލަ ތާވަލު ކޮށްފައިވަނީ 2:15 އަށެވެ.

މި ގަޑިތަކަށް ކޯޓަށް ހާޒިރުވުމަށް ވަކީލުންނަށް މިހާރު ވަނީ ޗިޓް ފޮނުވާފަ އެވެ.

މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދިފައިވެއެވެ.

އެ މައްސަލައިގައި އަންގާރަ ދުވަހު ވަނީ މެންބަރު ވަހީދުއާއި މެންބަރު ސައުދުގެ މައްސަލަ ބާއްވާފަ އެވެ. މެންބަރު ސައުދުގެ މައްސަލައިގެ އަޑުއެހުން ވަކި ހިސާބަކުން މެދުކަނޑާލިއިރު، ބުދަ ދުވަހު ވެސް ސައުދުގެ މައްސަލަ ބޭއްވި އެވެ. ސައުދުގެ މައްސަލައިގެ އިތުރުން މެންބަރު ލަތީފާއި އަމީތުގެ މައްސަލަ ވެސް ބުދަ ދުވަހު ބޭއްވި އެވެ.

ވަކިވަކިން ބޭއްވި އެ އަޑުއެހުންތަކުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ހަތަރު މެންބަރުން ވެސް ޕީޕީއެމުން ވަކިކޮށްފައިވަނީ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކުރި ހުކުމުގެ ފަހުން ޖުލައި 18 ވަނަ ދުވަހު ކަމަށްވާތީ އެ ހުކުމުގެ ދަށުން އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ކުރިން ޕާޓީން ވަކިކޮށްފައި އޮތަސް އަދި ވަކިވެފައި އޮތަސް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީޕީއެމްގެ ދަފްތަރުން އެ މެންބަރުންގެ ނަން އުނިކޮށްފައިނުވާ ކަމަށެވެ. 

ދައުލަތުން ވަކާލާތު ކޮށްފައިވަނީ، ސިޔާސީ ޕާޓީއަކުން މީހަކު ވަކިވާނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕާޓީގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާ ހިސާބުން ކަމަށް ބުނެ އެވެ. އެގޮތުން އަމީތުއާއި ސައުދުގެ އިތުރުން ވަހީދު ހުކުމުގެ ކުރިން ޕާޓީން ވަކިކޮށް އެ މެންބަރުންނަށް ސިޓީ ފޮނުވައި، އެ ސިޓީތަކުގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ނަމަވެސް، ސިޓީގައި ދަފްތަރުން އުނިކުރުމަށް ބުނެފައިނުވާ ކަމަށް ބުނެ ދައުލަތުން ވަކާލާތު ކޮށްފައިވެއެވެ.

ސައުދުއާއި ވަހީދު އަދި އަމީތުގެ ވަކީލުން ވަނީ ޕާޓީން ވަކިކޮށްފައިވާ މެންބަރަކު ދެވަނަ ފަހަރަށް އެ ޕާޓީއާ ނުގުޅެނީސް ޕާޓީން ވަކިކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާ ހަވާލާދެއްވާ ވަކީލުން ވިދާޅުވީ ސުލޫކީ ކޮމެޓީން ވަކިކުރުމުން އިސްތިއުނާފް ނުކޮށްފިނަމަ ޕާޓީން ވަކިވާނެ ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނާ 15 ދުވަހުގެ ތެރޭގައި މެންބަރުން މައްސަލަ އިސްތިއުނާފް ކޮށްފައިނުވާއިރު، ގަދަކަމުން ޕާޓީގެ މެންބަރުންގެ ގޮތުގައި ނުހެދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވަކީލުން ވިދާޅުވި ގޮތުގައި ޒާތީ ތައައްސުބުގައި ޖެހިގެން ތިބެ އިލެކްޝަނާއި ޕީޕީއެމުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ނާޖާއިޒުު ފައިދާ ނަގައި، ހުކުމާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް މެންބަރުންގެ ހައްގުތަކަށް އަރައިގަނެފަ އެވެ. 

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ލަތީފްގެ ވަކީލުން ފާހަގަކުރެއްވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ބާރު ހިނގާނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބުކުރާ މެންބަރުންނަށް ކަމަށެވެ. އެކަން ފާހަގަކުރައްވައި ލަތީފްގެ ގޮނޑި ނުގެއްލޭނެ ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ. 

ޖަވާބުގައި ދައުލަތުން ބުނީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރާ މެންބަރުންގެ މައްޗަށް ވެސް ހުކުމުގެ ބާރު ފޯރާނެ ކަމަށާއި އެހެން ނޫން ނަމަ ހުކުމުގެ މަގުސަދު ހާސިލްނުވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އާ ތައާރުޒުވާ ކަމަށް ބުނެ އެ މާއްދާ ބާތިލްކުރުމަށް ހުށަހަޅާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަކީ މެންބަރަކާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ބ) ގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް