ޖަލުގައި ބާއްވައިގެން ކިތަންމެ އަނިޔާއެއް ކުރިޔަސް ރައްޔިތުންގެ ފަޅީގައި ސާބިތުކަމާ އެކު ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
އަމީތު ބަންދުކުރި މައްސަލައިގައި ބުރާސްފަތި ދުވަހު ބޭއްވި އިސްތިއުނާފް އަޑުއެހުމަށް ފަހު ފުލުހުންގެ ވެހިކަލަށް އެރުވުމުގެ ކުރިން އަމީތު ވިދާޅުވީ ޖަލުގައި ބަންދުކޮށް އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ވަރުގެ ކަންތައްތައް ކުރި ނަމަވެސް، ސާބިތުވެ ހުންނަވާނެ ކަމަށެވެ.
އަމީތު ވިދާޅުވީ އޭނާ ހުންނެވީ "ވަރަށް ގަދަކޮށް" ކަމަށާއި އަދި ދޫނިދޫގައި ބަންދުކޮށްފައިވާ މެންބަރުންގެ ފަރާތުން ރައްޔިތުންނަށް "ސަލާމް" ފޮނުއްވާ ކަމަށެވެ.
އަމީތު ހައްޔަރު ކުރީ، އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް، ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ބުނާ މައްސަލައިގައި ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.
އަމީތު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 28 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ޖަހައިދިނެވެ.
ޖަލުގައި ބަންދުކޮށްގެން އަނިޔާވެރިވަމުންދާ ކަމަށް އަމީތު ވިދާޅުވިއިރު، ޖަލުގައި ތަހައްމަލު ކުރަމުންދާ ހިތްދަތި ކަންކަމުގެ ވާހަކަ އޭނާ ވަނީ ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކިޔައި ދެއްވާފަ އެވެ.
އަމީތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ބުނެ އޭނާ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާއިރު، އަސާސީ ޚިދުމަތްތަކުން ވެސް ވަނީ މަހުރޫމްކޮށްފަ އެވެ. އެގޮތުން ސާފު ބޯފެން ފޮދެއް ލިބުނީ ފަސް ދުވަސް ފަހުން ކަމަށާއި އެ ފަސް ދުވަހު ފެން ބައްލަވަން ޖެހިވަޑައިގަތީ ފާހަނައިގެ އިސްކުރުން ކަމަށެވެ.
އަމީތު ވިދާޅުވީ ފުރަތަމަ ހަތް ދުވަސް ޖަލުގައި ހޭދަކުރަން ޖެހުނީ ކަނު އަނދިރީގައި ކަމަށާއި ގޮޅިއަށް އަލިކަމެއް ފޯރުކޮށްދިނީ ވެސް އާދޭސް ކޮށްގެން ކަމަށެވެ. އަމީތު ވިދާޅުވީ އޭނާ ބަންދުކޮށްފައިވަނީ ވައިދައުރުނުވާ ގޮޅިއެއްގައި ކަމަށާއި ހުންނަވަންޖެހެނީ ގަދަ އަވީގައި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް އޭނާ ބަންދުކޮށް، އަނިޔާދެމުންދާ ކަމަށް ވިދާޅުވެ އަމީތު ވަނީ އޭނާގެ ހައްގުތަކާއި އޭނާ ތަމްސީލުކުރައްވާ ފަސްހާހެއްހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އިންސާފުވެރި ހުކުމެއް ކޮށްދެއްވުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކިބައިން އެދިވަޑައިގަންނަވާފަ އެވެ.
އަމީތުގެ އިތުރުން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވަނީ ބަންދުކޮށްފަ އެވެ.