ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 10:57
ހުތުބާގައި ވަނީ މުސްލިމުން އީދުގެ އުފާ ފާޅުކުރާއިރު ދީނުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެކަމަށް ބަޔާންކޮށްފައި
ހުތުބާގައި ވަނީ މުސްލިމުން އީދުގެ އުފާ ފާޅުކުރާއިރު ދީނުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެކަމަށް ބަޔާންކޮށްފައި
އިސްލާމިކް މިނިސްޓްރީ
އަޟްހާ އީދު ޚުތުބާ 1445
އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރިންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭ: ޚުތުބާ
މިއަދު މުސްލިމުން ނިކަމެތިވެފައިވާ މަންޒަރު އެކި ކަންކޮޅުތަކުން ފެންނަމުންދޭ
މުސްލިމުން އީދުގެ އުފާ ފާޅުކުރާއިރު ދީނުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެ
އެ ޤައުމެއްގެ އަހުލުވެރިންނަށް އުފާ ފާގަތިކަން ލިބުމަކީ ޤައުމަކަށް ލިބޭނެ ބޮޑު ނިއުމަތެއް

އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރިންގެ ގޮތްތައް ކޮޕީ ކުރުން ދޫކޮށްލާން ޖެހޭކަމަށް އަޟްހާ އީދުގެ ޚުތުބާގައި ބުނެފިއެެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި އީދު ޚުތުބާގައި ބުނީ، އަމާންކަން ލިބުމާއި، އެ ޤައުމެއްގެ އަހުލުވެރިންނަށް އުފާ ފާގަތިކަން ލިބުމަކީ ޤައުމަކަށް ލިބޭނެ ބޮޑު ނިއުމަތެއް ކަމަށެވެ.

އެކަންކަން ޙާސިލުވާނީ ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެކަން ކުރުމަށްޓަކައި ހިޔާލު ތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިހުތިރާމުކޮށް، އަމިއްލަ މަސްލަޙަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަޙަތު އިސްކުރަންޖެހޭނެކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އިސްލާމް ދީނުގައި މީސްތަކުންގެ މެދުގައި ޤާއިމުކޮށްފައިވާ ހަމަހަމަކަމަށްވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމުގައި އިއްޔެ އަރަފާތު ބިމުގައި އަހަރުމެންނަށް ފެނުނު މަތިވެރި މަންޒަރު ހަނދާނަށް ގެންނަމާ ހިނގާށެވެ. އެތައް މިލިއަން މުސްލިމުން އެއް ފޭރާމެއްގައި އެއް ބިމަކަށް އެއްވެ، މާތް ﷲ ގެ ހަޟްރަތުގައި ނިކަމެތިވެ، އެމީހުންގެ ހާޖާތްތަކުން އެކަލާނގެއަށް މުނާޖާ ދެންނެވުމުގައި ވަނީ ހޭދަކޮށްފައެވެ. އިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަޤީރެއް މުއްސަންޖެއް، ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތިއެވެ.
އަޟްހާ އީދުގެ ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، މުސްލިމުން އީދުގެ އުފާ ފާޅުކުރާއިރު ދީނުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. އެގޮތުން ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރިންގެ ގޮތްތައް ކޮޕީ ކުރުން ދޫކޮށްލާން ޖެހޭކަމަށް ޚުތުބާގައި ބުނެއެވެ.

އޭގެ އިތުރުން، އިސްލާމް ދީނަކީ އިއްޒަތްތެރިވެގެންވާ ދީނެއްނަމަވެސް، މިއަދު މުސްލިމުން ނިކަމެތިވެފައިވާ މަންޒަރު އެކި ކަންކޮޅުތަކުން ފެންނަކަން ފާހަގަކޮށް ޚުތުބާގައި ވަނީ ފަލަސްތީނުގެ ޙާލަތަށް އަލިއަޅުވާލާފައެވެ.

އަދި އަދުއްވުން އިސްލާމް ދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް އެއްބައިވަންތަކަމާއެކު ކުރިމަތިލުމަށްވެސް ޚުތުބާގައި ގޮވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް