ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 18:31
އަންގާރަ ދުވަހު ބޭއްވި ސުލްޙަވެރި ހިނގާލުން
އަންގާރަ ދުވަހު ބޭއްވި ސުލްޙަވެރި ހިނގާލުން
މުހައްމަދު ޝަރުހާން
ރިލްވާން ގެއްލުވާލިތާ 3 އަހަރު
ހިނގާލުމަށް ފުލުހުން އަނިޔާވެރިކަން އިސްކުރީތީ އެކަން ކުށްވެރިކުރަން : ރިލްވާންގެ އާއިލާ
މުޅި ދަޢުލަތުން ވަނީ އިޙްމާލުވެފައި
ބިރުދެއްކުންތަކަށް ރިލްވާނުގެ އާއިލާއިން ފަހަތަކަށް ނުޖެހޭނެ
ހިނގާލުމަށް ފުލުހުން ހުރަސް އެޅުމަކީ ރިލްވާން ހޯދުމަށްޓަކައި އާއިލާއިން ކުރާ އާދޭސްތަކަށް ފުލުހުން ބީރު ކަންފަތެއް ދިނުން

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާތީ އާއި ތަޙްގީގު އަވަސް ކޮށްދިނުމަށް ގޮވާލައި އަންގާރަ ދުވަހު ބޭއްވި ހިނގާލުމަށް ފުލުހުން ޤާނޫނާ ޙިލާފަށް ހުރަސް އަޅައި، އަނިޔާވެރިކަން އިސްކޮށްފައިވާތީ ރިލްވާނުގެ އާއިލާއިން އެކަން ކުށްވެރިކޮށް ބުދަ ދުވަހު ނޫސްބަޔާނެއް ނެރެފިއެވެ.

މި ނޫސްބަޔާނުގައި ރިލްވާންގެ އާއިލާއިން ބުނެފައިވަނީ ރިލްވާން ގެއްލުނު ފަހުން އެ އާއިލާގެ ފަރާތުން ހޭދަކޮށްފައިވާ 3 އަހަރަކީ ހިތާމައާއި ހިތްދަތިކަން ކުރިމަތިކުރުވި އަހަރުތަކެއް ކަމަށާއި މިފަދަ ހިތާމަވަރިކަމެއް އާއިލާއަށް ކުރިމަތިވެފައި ވަނިކޮށް ދަޢުލަތުގެ އެކިއެކި މުވައައްސަސާ ތަކުގައި ރިލްވާންއަށް ވީ ގޮތެއް ހޯދައި ދިނުމަށް އެދުނު ނަމަވެސް އެއްވެސް މުވައްސަސާއަކުން މިއަދާ ހަމައަށް އައިއިރު ޖަވާބުދާރީ ވެފައިނުވާ ކަމަށެވެ.

އަންގާރަ ދުވަހު ބާއްވާފައިވާ ސުލްޙަވެރި ހިނގާލުމަށް ފުލުހުން ހުރަސް އެޅުމަކީ ރިލްވާން ހޯދުމަށްޓަކައި އާއިލާއިން ކުރާ އާދޭސްތަކަށް ފުލުހުން ބީރު ކަންފަތެއް ދިނުން ކަމަށާއި ރިލްވާން ހޯދުމަށްޓަކައި އާއިލާއިން ކުރާ މަސައްކަތަށް ފުލުހުން ހުރަސް އެޅުން ކަމުގައި ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ހިނގާލުމުގެ ބައިވެރިންނާއި ރިލްވާންގެ އާއިލާގެ މެމްބަރުންނަށް އަމާޒުކޮށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައި، މީހުންތައް ކޮއްޕާ، އެކަށީގެންނުވާ މިންވަރުގެ ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އިއްޔެގެ ހިނގާލުމުގައި 9 ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުޅި މަގުމަތި ހަލަބޮލިކޮށްފައިވަނީ އެއްވެސް ބޭނުމެއް ނެތި ކަމަށާއި މިފަދަ ބިރުދެއްކުންތަކަށް ރިލްވާނުގެ އާއިލާއިން ފަހަތަށް ނުޖެހޭނެ އެބަޔާނުގައި ބުނެފައިވެއެވެ. އަދި ރިލްވާނުގެ ގެއްލުވާލިތާ 3 އަހަރުވެފައިވާ އިރު އެކަމުގައި ބައިވެރި މީހުން މިހާރު ޤައުމު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.  އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދަޢުލަތުން ހިއްސާ ނުކުރުމަކީ، އެ އާއިލާއިން ޤަބޫލުކުރާ ގޮތުގައި މުޅި ދަޢުލަތް އިޙްމާލުވުން ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިލްވާންއަށް ވީގޮތެއް ހޯދުމަށްޓަކައި އާއިލާއިން އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތްކުރާނެ ކަމަށާއި ރިލްވާންއަށް ވީގޮތެއް ނޭނގޭތީ އަދިވެސް އާއިލާއިން އޭނާގެ ތަކެތި ރައްކާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދާ ކަމަށެވެ.

ހިނގާލުމުގެ އަމާޒަކަށްވީ ރިލްވާންއަށް ވީ ގޮތާއި މެދު މިހާތަނަށް ހޯދިފައިނުވާ ސުވާލުތަކުގެ ޖަވާބުތައް ހޯދުން ކަމަށް ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް