ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 18:45
މިނިސްޓަރ އޮފް ފިނޭންސް މުހައްމަދު ޝަފީގު
މިނިސްޓަރ އޮފް ފިނޭންސް މުހައްމަދު ޝަފީގު
ފިނޭންސް މިނިސްޓްރީ
މުސާރަ ހާމަނައިޒްކުރުން
ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރާނެ: މިނިސްޓަރު ޝަފީގު
މިސަރުކާރުގެ މިހާތަނަށް އައިއިރު އެ ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވޭ
އަމާޒަކީ އަހަރު ނިމޭއިރު ސޮވެރިން ފަންޑު 100 މިލިއަން ޑޮލަރަށް އިތުރު ކުރުން
ކޮންމެ އިސްލާހެއް ގެނައުމުގައި ވީހާވެސް ގިނަ ބަޔަކަށް ފައިދާވާނެ ގޮތަކަށް އެކަމެއް ކުރާނެ

ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒްކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ވަނީ ފިޒިކަލް ރީފޯމްގެ ތެރޭގައި މުސާރަ ކުޑަކުރަން ނުވަތަ ދަށް ކުރަން ނިންމާފައިވޭތޯ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ މިހާރު ވެސް ކުރަމުންދާ މަސައްކަތަކީ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. ހެލްތް އަދި އެޑިޔުކޭޝަން ސެކްޓަރއަށް ފުރަތަމަ ބަދަލު ގެނެވުނުއިރު، ޕަސެންޓޭޖުގެ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ގެނެވިފައިވާ ކަމަށް މިނިސްޓަރު ޝަފީގު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީގު ވިދާޅުވީ ކޮންމެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމުގައި ވިހާވެސް ގިނަ ބަޔަކަށް ފައިދާވާނެ ގޮތަކަށް އެކަމެއް ކުރާނެ ކަމަށެވެ.

މުސާރަ ކުޑަކުރަން ނުވަތަ ދަށް ކުރަން ނިންމާފައިވޭތޯ. މިހާރު ވެސް މިގެންދެވެނީ ހާމަނައިޒް ކުރެވުމުގެ ބައި އެނގޭތޯ. ހެލްތް ސެކްޓަރ އެޑިޔުކޭޝަން ސެކްޓަރ އެންމެ ފުރަތަމަ ކުރިއެރުން ގެނެވުނުއިރު ހަގީގަތުގައި އެ ޕަސެންޓާޖަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ގެނެވިފައިވަނީ. އެއާއެކު ހާމަނައިޒް ކުރެވިގެންދާނީ. އެހެންވީމަ ހާމަނައިޒް ކުރެވޭނީ. އަޅުގަނޑަކަށް ހިޔެއް ނުވޭ ދަށް ކުރުމުގެ ވިސްނުމެއް ގެންގުޅޭ ހެންނެއް. އަނެއްކާ މުސާރަ ހާމަނައިޒް ކުރުމަކީ ވަރަށް ގިނަ މުޖުތަމައުގައި ވަރަށް ގިނަ ގުޅިފައި ހުންނަ ކަމެއް. އިސްލާހެއް ކޮންމެ ބަދަލެއް އަޅުގަނޑުމެން ބަލަނީ ވީހާ ވެސް ގިނަ ބަޔަކަށް ފައިދާވާނެ ގޮތަށް އޭގެން ނެގެޓިވް އިންޕެކްޓް ނޫނިއްޔާ ދަތިތައް ވީހާވެސް ކުޑަވާނެ ގޮތަކަށް އެކަމެއް ކުރުން.
ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާ ގުޅޭގޮތުން ވެސް މިނިސްޓަރު ޝަފީގު ވަނީ ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރު ޝަފީގު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ބިލްޑް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރުގައި އެ ފަންޑުގައި ހުރީ ދެ ބިލިއަން ޑޮލަރު ކަމަށާއި، ސަރުކާރާއި ހަވާލުވުމަށްފަހު މިހާތަނަށް އައިއިރު އެ ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް މިނިސްޓަރު ޝަފީގު ވިދާޅުވިއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 771 މިލިއަން ރުފިޔާއެވެ.

މިނިސްޓަރު ޝަފީގު ވިދާޅުވީ އަމާޒަކީ އަހަރު ނިމޭއިރު އެ ފަންޑު 100 މިލިއަން ޑޮލަރަށް އިތުރު ކުރުން ކަމަށެވެ. 

ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ޚިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް