ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 13:29
ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ހަންސީ ފްލިކް
ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ހަންސީ ފްލިކް
ބާސެލޯނާ
ބާސެލޯނާ
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްލިކް ބާސެލޯނާއާ ހަވާލުވެއްޖެ
އެ ކުލަބާއެކު ފްލިކް ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ، ޖަރުމަނުގެ ހަންސީ ފްލިކް ހަވާލުވެއްޖެ އެވެ.

ބާސެލޯނާގެ ކޯޗުކަމާ އުމުރުން 59 އަހަރުގެ ފްލިކް ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު ފްލިކް ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާ އިން ވަނީ އެ ކުލަބުގެ ކޯޗަކަށް ފްްލިކް ހަމަޖެއްސިކަން، ބުދަ ދުވަހު ރަސްމީކޮށް ހާމަ ވެސް ކޮށްފަ އެވެ.

ބާސެލޯނާގެ ކޯޗަކަށް ފްލިކް ހަމަޖެއްސީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ޒަވީ ހެނާންޑޭޒް ވަކި ކުރުމަށްފަހު އެވެ. އެންމެ ފުރަތަމަ ޒަވީ ބާސެލޯނާ ދޫކޮށްލަން ނިންމުމުން، ކުލަބުގެ އިސްވެރިން ވަނީ އޭނާގެ ނިންމުން ބަދަލުކޮށް، ކުލަބުގައި މަޑު ކުރުމަށް އެދިފަ އެވެ. އެއާއެކު ޒަވީ ވަނީ ނިންމުން ބަދަލުކޮށް، ބާސެލޯނާގައި މަޑު ކުރަން ނިންްމައިފަ އެވެ.

އެހެން ނަމަވެސް، އޭގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާސެލޯނާގެ މާލީ ޙާލަތާ ގުޅޭ ގޮތުން ޒަވީ ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާ އަށް ބޯޑު މެމްބަރުންގެ ނުރުހުން އަމާޒުވެ، އޭނާ ވަކި ކުރަން ބޯޑު މެމްބަރުން ހުށަހެޅީ އެވެ. އޭގެ ފަހުން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވަނީ، އެ ކުލަބުގެ ކޯޗުކަމުން ޒަވީ ވަކި ކުރަން ނިންމާފައިވާކަން އޭނާ އަށް އަންގައިފަ އެވެ.

ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމުގެ ޝައުޤުވެރިކަން މީގެ ކުރިން ވެސް ފްލިކް އޮތީ ފާޅުކޮށްފަ އެވެ. ޒަވީ ވަކި ކުރުމުގެ ވާހަކަތައް ބާސެލޯނާގެ އެތެރޭގައި ދެކެވެން ފެށުމާއެކު، އެ ކުލަބުން ވަނީ ފްލިކް އާއެކު މަޝްވަރާތައް ފަށާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ބާސެލޯނާ އިން މަޝްވަރާ ކުރި ހަމައެކަނި ކޯޗަކީ ވެސް ފްލިކް އެވެ.

ފްލިކް ވަނީ މީގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދުދީ، އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އޭނާ ވަނީ އެއް ސީޒަނެއްގެ ހުރިހާ ތައްޓެއް ބަޔާނަށް ހޯދައިދީފަ އެވެ. ބަޔާނާއެކު ފްލިކް ވަނީ ޖުމުލަ ހަަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ބަޔާންގެ ކޯޗުކަން ދޫކޮށްލުމަށްފަހު ދެން ފްލިކް ހަވާލުވީ ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމާ އެވެ. އެ މަގާމުން އޭނާ ވަކިިވީ މިދިޔަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް