ކ. މާލެ
|
29 މެއި 2024 | ބުދަ 12:33
ލުބުނާނުގެ ރެސިސްޓެންސް މޫވްމަންޓްގެ ސެކްރެޓަރީ ޖެނެރަލް ހިޒްބުالله ސައްޔިދު ހަސަން ނަސްރުالله
ލުބުނާނުގެ ރެސިސްޓެންސް މޫވްމަންޓްގެ ސެކްރެޓަރީ ޖެނެރަލް ހިޒްބުالله ސައްޔިދު ހަސަން ނަސްރުالله
ޕްރެސް ޓީވީ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލުގެ "ނާޒީ" ވެރިކަމަށް ކުރިމަގެއް ނެތް: ނަސްރުﷲ
އިޒްރޭލުގެ މި ހަމަލާއިން ދޭހަވަނީ 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގައި އޮތް ނާޒީ ވެރިކަމަށް ވުރެ ވެސް އިޒްރޭލުގައި އޮތް ވެރިކަން ނުބައި ކަމަށް ވިދާޅުވި

އިޒްރޭލުގައި އޮތް ވެރިކަން، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގައި އޮތް ނާޒީ ވެރިކަމާ އެއްގޮތް ކުރައްވާ ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ ވާހަކަ ދައްކަވައިފިއެވެ.

އަންގާރަ ދުވަހު ޓީވީ މެދުވެރިކޮށް އޭނާ ދެއްކެވި ވާހަކައިގައި، ގާޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކާ އެކު ދުނިޔޭގެ ކަންކޮޅުތަކުން އިޒްރޭލާ މެދު އިތުރުވަމުންދާ ރުޅިވެރިކަމާއެކު އިޒްރޭލުގައި އޮތް އަނިޔާވެރި ވެރިކަން ދެމިގެން ދިއުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ވިދާޅުވިއެވެ.

ނާޒީ ވެރިކަމަށް ސަރަހައްދުގައި ކުރިމަގެއް އޮތް ކަމަށް ނުދެކެން.
ހަސަން ނަސްރުﷲ

އޭނާ ވިދާޅުވީ ފަލަސްތީންގެ އާއްމު ރައްޔިތުން ދިރިއުޅޭ ފޭލިގެ ތަކަށް ބޮން އަޅާ ހިންގި ޖަރީމާތަކުގެ ނަތީޖާ އަކަށް ވާނީ އިޒްރޭލުގައި އޮތް އަނިޔާވެރި ވެރިކަން ނިމުން އިތުރަށް ހަލުއިވުން ކަމަށެވެ.

ނަސްރުﷲ ހާމަ ކުރެއްވި ގޮތުގައި އިޒްރޭލުގެ މި ހަމަލާއިން ދޭހަވަނީ 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގައި އޮތް ނާޒީ ވެރިކަމަށް ވުރެ ވެސް އިޒްރޭލުގައި އޮތް ވެރިކަން ނުބައި ކަމަށެވެ.

އާދިއްތަ ދުވަހު އިޒްރޭލުން ފަލަސްތީންގެ ފޭލިގެ ކޭމްޕަކަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން 45 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ އަންހެނުންވެސް ހިމެނެއެވެ.

މި ނުރައްކާތެރި ހަމަލާ އާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ނުރުހުން ފާޅުކޮށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒް ކުރުމަށް އަނެއްކާވެސް ގޮވާލާފައެވެ.

ނަސްރުﷲ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލަށް ގޮވާލުމުން އެއަށް އިޖާބަދެނީވެސް އިތުރު ހަމަލާއަކުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް