ކ. މާލެ
|
29 މެއި 2024 | ބުދަ 13:36
ކުރިއަށް އޮތް 2 ދުވަހުވެސް ވިއްސާރަވާނެ
ކުރިއަށް އޮތް 2 ދުވަހުވެސް ވިއްސާރަވާނެ
ޕޮލިސް
ހުޅަނގު މޫސުން
މުޅި ރާއްޖެއަށް ޔެލޯ އެލަރޓް ނެރެފި
ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ
ކަނޑުތައް ވަރަށް ގަދަވާނެ

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ޔެލޯ އެލަރޓް ނެރެފައިވަނީ މެންދުރު 2:30 އާއި ހަމައަށް ކަމަށެވެ.

މި ވަގުތުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ސަރަހައްދަށް، ގަދަ ވަޔާއެކު ވިއްސާރަ ކޮށް، އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 55 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފާރަތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ހުރިހާ ނުރައްކާތަކުން ސަލާމަތް ވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

- ކޮމެންޓް