ކ. މާލެ
|
29 މެއި 2024 | ބުދަ 09:08
އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
އަލް ނަސްރު
އަހަރެން އުޅެނީ ރެކޯޑު ފަހަތަކުން ނޫން، އަހަރެންގެ ފަހަތުން އުޅެނީ ރެކޯޑުތައް: ރޮނާލްޑޯ
ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ ހަތަރު ލީގެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށް

އޭނާ އުޅެނީ ރެކޯޑު ފަހަތުން ނޫން ކަމަށާއި، ރެކޯޑުތައް އުޅެނީ އޭނާގެ ފަހަތުން ކަމަށް އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސައުދީ ޕްރޯ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޭނާ އަށް ލިބުމާ ގުޅިގެންނެވެ.

ރޮނާލްޑޯގެ ކުރިން އެ ރެކޯޑު އޮންނަނީ އަލް އިއްތިހާދަށް ކުޅެމުން އަންނަ ޙަމަދުﷲ އަތުގަ އެވެ. އޭނާ ވަނީ 2018/2019 ވަނަ ސީޒަނުގައި 34 ލަނޑު ޖަހައިފަ އެވެ. ރޮނާލްޑޯ ވަނީ މި ސީޒަންގައި 35 ލަނޑު ޖަހައިގެން އެ ރެކޯޑު ހޯދައިފަ އެވެ. އެއީ ސައުދީ ލީގުގެ އެންމެ ފަހު މެޗުގައި އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި ދެ ލަނޑާއެކު އެވެ.

މީގެ އިތުރުން ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ ހަތަރު ލީގެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ސައުދީ ލީގުގެ އިތުރުން ރޮނާލްޑޯ ވަނީ، ސްޕެނިޝް ލީގު، އިޓާލިއަން ލީގު އަދި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

އަލް އިއްތިހާދާ ދެކޮޅަށް އަލް ނަސްރުން ކުޅުނު މެޗަށްފަހު، ރޮނާލްޑޯ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާ އުޅެނީ ރެކޯޑު ފަހަތުން ނޫން ކަމަށާއި، ރެކޯޑުތައް އުޅެނީ އޭނާގެ ފަހަތުން ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމަށްފަހު ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަންނަނީ އަލް ނަސްރުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ކުލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަންގައި ރޮނާލްޑޯ ވަނީ އަލް ނަސްރަށް ކުޅެދިން 19 މެޗުން 14 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގައި ރޮނާލްޑޯ ވަނީ އަލް ނަސްރަށް ކުޅެދިން 50 މެޗުން 50 ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް