ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 11:01
އަލިފާނުގެ ހާދިސާގައި ފަޔަރ ފައިޓަރުން ހަރަކާއިތެރިވަނީ
އަލިފާނުގެ ހާދިސާގައި ފަޔަރ ފައިޓަރުން ހަރަކާއިތެރިވަނީ
މުހައްމަދު ޝަރުހާން
ގުދަނުގައި ރޯވުން
އަލިފާނުގެ ހާދިސާގައި އެޑްމިޓްކުރި މީހާ އިތުރު ފަރުވާއަށް ބޭރަށް!
މިހާދިސާއާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވަނީ 5 މީހުން
މުޅި ޖުމްލަ 31 މީހުން ފަރުވާ ހޯދާފައިވޭ
ހުޅުމާލޭ ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކޮށްފައިތިބީ ދެ މީހުން

އަލިފާނުގެ ހާދިސާގައި އަނިޔާވި އައިޖީއެމްއެޗުގެ އައިސީޔޫގައި އެޑްމިޓްކޮށްފައިވާ މީހާ އިތުރު ފަރުވާއަށް ބޭރަށް ފޮނުވައިފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ ޔުނިޓްގެ ޑިރެކްޓަރ އަހުމަދު މައުސޫމު ވިދާޅުވީ، މިދިޔަ   ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗުގައި މިވަގުތު އެޑްމިޓްގައި ތިބީ ފަސް މީހުން ކަމަށާއި މިހަދިސާގައި އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހާއަށް އިތުރު ފަރުވާ ދިނުމަށް ބޭރަށް ގެންގޮސްފައިވާ ކަމަށެެވެ. އިތުުރުފަރުވާއަށް ބޭރަށް ގެންގޮސްފައިވަނީ، އަމީން ކޮންސްޓްރަކްޝަނުގެ ފަރާތުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ފަސް މީހުންގެ ހާލު ވެސް ރަގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. މިހާދިސާގައި ގިނަ މީހުންނަށް އަނިޔާވެފައި ވަނީ އިމާރާތުން ފުންމާލުމުގެ ސަބަބުން، ހަށިގަނޑުގެ ބައެއް ގުނަވަންތައް ބިންދައިގެން ދިއުމުންނެވެ. އެގޮތުން އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ތިން މީހެއްގެ މައިބަދަ ގުޑާފައިވާ ކަމަށް އަމީން ކޮންސްޓްރަކްޝަނުން ބުނެ އެވެ.

އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހާގެ މޫނާއި އަތް ފިހިފައިވާ އިރު ދުމުގެ ސަބަބުން އޭނާގެ ނޭވާލާ ނިޒާމަށް އަސަރުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މީގެ ކުރިން  ވަނީ ބުނެފަ އެވެ.

މިހާދިސާގައި މުޅި ޖުމްލަ 31 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ އިރު، ހުޅުމާލޭގައި މިހާރު ފަރުވާދެމުން ދަނީ ދެ މީހުންނަށެވެ. އެދެމީހުންނަށް ފަރުވާ ދެމުންދަނީ ފްރެކްޗާތަކަކަށް ކަމަށާއި ހާލު ރަގަޅުވަމުން އަންނަ ކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ އަމީން ކޮންސްޓްރަކްޝަންގެ ގުދަނާއި ލޭބާ ކްއާޓާޒް ހުންނަ އިމާރާތުގައި ހޮނިހިރު ދުވަހުގެ ރޭ 12:18 ހާއިރު ހިނގި އަލިފާނުގެ މި ހާދިސާގައި ސަލާމަތްވުމަށްޓަކާއި ގިނަ ބަޔަކު އިމާރާތުން ވަނީ ފުއްމާލާފަ އެވެ. އިމާރާތުން ފުއްމާލަންޖެހުނީ، އަލިފާން ރޯވެފައިވަނީ ސިޑިއާވީ ދިމާލުގައި ވުމުން ކަމަށް އަމީން ކޮންސްޓްރަކްޝަނުން ރާއްޖެއެމްވީއަށް މައުލޫމާތުދީފައި ވެއެވެ.

ލޭބާ ކުއާޓާޒްގައި އުޅޭ ބައެއް ބިދޭސީން ބުނި ގޮތުގައި އަލިފާން ރޯވިއިރު އެންމެން ނިދާފައި ތިބި އިރު ގިނަ މީހުންނަށް ހޭލެވުނީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

ޒަހަމްވި ގިނަ މީހުންނަކީ ބިދޭސީ މީހުންނެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތުންނާއި ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މި އިމާރާތަކީ އަމީން ކޮންސްޓްރަކްޝަނުގެ ސީނިޔާ ސްޓާފުންތަކަކަށް ހާއްސަ ލެބާ ކުއާޓާޒް އެކެެވެ. އެގޮތުން ގިނައިން މިހާދިސާގައި އަނިޔާލިބިފައި ވަނީ އިންޖިނިޔަރުންނާއި ސުޕަވައިޒަރުންނަށެވެ.

މި އިމާރާތުގައި އަލިފާން ރޯވި ވަކި ސަބަބެއް ނޭނގެ އެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންނަނީ ތަހުޤީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް