ކ. މާލެ
|
17 މެއި 2024 | ހުކުރު 21:30
ދިއްދޫ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ބައެއް ގޭގެ
ދިއްދޫ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ބައެއް ގޭގެ
މޫސުން ގޯސްވުން
ވައިގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
އިމާރާތްކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައިވޭ

މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވައިގަދަވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެއެވެ. ވައިގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ވަނީ 6 ކަމެއް ކުރުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން:

- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހަރުކުރުން

- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން

- ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން

- މާލެ އާއި ހުޅުމާލެ ބްރިޖުން ދަތުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން

- ދަނޑުވެރިކަން ކުރާ ފަރާތްތަކުން ގަސްގަހާ ގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުން

- ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުގެ ވައު ކަނޑައިގެންނުދާނެ ގޮތަކަށް އެއްސުން

މީގެއިތުރުން ފުލުހުންވެސް ވަނީ ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓެމުންދާތީ އަދި އިމާރާތްކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އަދި މީހުން ދިރިއުޅޭ އުސް އިމާރާތްތަކުގެ މަތިންވެސް ވަޔާ އެއްޗެހި ނުދާނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށާއި ކުޑަދޮރުތައް ވެސް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ކަނޑުދަތުރު ކުރުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް