ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 11:25
އަމީން ފައިސަލް
އަމީން ފައިސަލް
ގޫގުލް
އަމީން ފައިސްލް
އަމީން ފައިސަލްގެ ޝަރީޢަތް ސިއްރުކޮށްފި
ދައުވާ ކުރަނީ ރައީސް ޔާމީން އާރަށުގައި އެކަހެރި ކުރި މައްސަލައިގަ
ދިފާއީ ހެކިންގެ ގޮތުގައި ޒުބައިރާއި މޫސާ އަލީ ޖަލީލް
ދައުލަތުން ހުށަހެޅީ ތިން ހެކިން

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ދިފާއީ ހެކި ބަސް ނެގުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ޝަރީޢަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އަމީން ފައިސްލެގެ ޝަރީޢަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުން ކަމަށެވެ. ނަމަވެސް ސަބަަބެއް ކޯޓުގެ އޮފިޝަލް ވިދާޅެއް ނުވެއެވެ.

ދިފާއީ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހު ހެނދުނު 11:00 އަށެވެ.

ދިފާއީ ހެކި ބަސް ނެގުމަށް ބުރާސްފަތި ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް، އެހެން ދުވަހެއްގެ އަޑުއެހުމެއްގައި ހެކި ބަސް ދިނުމަށް ހެއްކަކު އެދުމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އަމީން ފައިސަލްގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އޭރު އެމްއެންޑީއެފްގެ ލީގަލް ހެޑަކަށް ހުންނެވި ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކެވެ.

މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގަންނަވާނެތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލައިގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ޝަރީއަތަށް ބައެއް ކަންކަން ސާފުކޮށްދިނުމަށް ރައީސް ޔާމީން ހާޒިރުކޮށްދިނުމަށް ވެސް އަމީން ފައިސަލްގެ ފަރާތުން އެދިފައި ވެއެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނަގާ މިހާރު ވަނީ ނިމިފަ އެވެ. ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ދެ ހެކިން ވަނީ ސިއްރުކޮށްފަ އެވެ. ސިއްރު ހެކިންގެ ތެރެއިން އެކަކު ހެކި ބަސް ދިނުމަށް އިއުތިރާޒް ކުރިއިރު، ފާޅުގައި ހެކި ބަސް ދީފައި ވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު އެވެ.

އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރުކުރައްވާފަ އެވެ.

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމުގެ ދައުވާ އުފުލާފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް ފެބްރުއަރީ 27 ވަނަ ދުވަހު ދައުވާ އުފުލިއިރު، ދެ ދުވަހެއްގެ މަތިން އަޑުއެހުން ތާވަލުކުރި އެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝިދާ ޗިޓް ހަވާލުނުކުރެވިގެން އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް