ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 09:09
ރަސްފަންނު
ރަސްފަންނު
މުހައްމަދު ޝަރުހާން
ރަސްފަންނު
ރަސްފަންނުގައި ޕެވެލިއަން ހިންގަން ހެދި އެއްބަސްވުން ބާތިލްކޮށް އަލުން އިއުލާންކޮށްފި
އެމްޑަބްލިޔުއެސްސީން ބްރަދާސް ކޭޓްރިންއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރި ސަބަބެއް ހާމައެއް ނުކުރޭ
ރަސްފަންނުގައި ޕެވެލިއަން ހަދަން ބަޔަކު ހޯދުމަށް އިއުލާން ކުރި މިއީ ތިން ވަނަ ފަހަރު
ދާދި ފަހަކާ ޖެހެންދެން ޕެވެލިއަންގެ މަސައްކަތް ހުރީ ހުއްޓިފައި

ރަސްފަންނުގައި ޕެވެލިއަންއަކާއެކު ކޭއެފްސީ އާއި ޕިއްޒާހަޓް ހެދުމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބްރަދާސް ކޭޓްރިންއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކޮށްފިއެވެ.

ރަސްފަންނުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އިތުރުން ޕެވިލިއަން ތަރައްގީ ކުރުމުގެ މަސައްކަތް ބްރަދާސް ކޭޓްރިންއާ ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ބައިނަލްއަގުވާނީ ފުޑް ޗެއިންތައް ކަމަށްވާ ކޭއެފްސީ އާއި ޕިއްޒާހަޓް ރަސްފަންނުގައި ހިންގުމުގެ ހުއްދަ ބްރަދާސް ކެޓްރިން އަށް ދީފައި ވަނީ 10 އަހަރުގެ މުއްދަތަށެވެ. އަދި މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ފަސް މަސް ދުވަސް ތެރޭގައި ނިންމާ ހިދުމަތް ދޭން ފަށާ ގޮތަށެވެ.  ނަމަވެސް އެ މުއްދަތު ފަހަނަ އަޅައި އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އެ ކުންފުންޏަށް އެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ. ދާދި ފަހަކާ ޖެހެންދެން އެތަނުގެ މަސައްކަތް ހުރީ ހުއްޓިފައެވެ. ނަމަވެސް މީގެ ދެތިން ހަފްތާއެއްހާ ދުވަސް ކުރިން އެ މަސައްކަތް ވަރަށް ބާރަށް ފަށައިގެން ކުރިއަށް ގެންދާ މަންޒަރު ފެނިފައި ވެއެވެ. 

އެމްޑަބްލިޔުއެސްސީ ބްރަދާސްކޭޓްރިންއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް ކުރުނާ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

އެމްޑަބްލިޔުއެސްސީ ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ  މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން މާލެ ވެސްޓް ކޯސްޓް ބީޗް ޕެވިލިއަން ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުން ވާކަމަށެވެ. އެހެން ކަމުން ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކމަށް އެމްޑަބްލިޔުއެސްސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އެމްޑަބްލިޔުއެސްސީން ބްރަދާސް ކޭޓްރިންއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. ޕެވެލިއަން ހެދުމަށް ބަޔަކު ހޯދުމަށް އިއުލާން ކުރި މިއީ ތިން ވަނަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް