ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 08:43
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
މުހައްމަދު ޝަރުހާން
އިބްރާހިމް ދީދީގެ މައްސަލަ
ޖެނެރަލްް ދީދީގެ ޝަރީއަތް: ދައުވާއަށް ޖަވާބުދާރީވުން މިއަދު!
އަބްދުﷲ ގާޒީ އެކަހުރި ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ
ކުރިން ދައުވާކުރި، ދައުވާ އަނބުރާ ގެންގޮސް ނުކުރާނެ ކަމަށް ބުނި
އިބްތިދާއީ އަޑުއެހުން ފަށާފައިވަނީ ޖުލައި 20 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް މިއަދަށް އަޑުއެހުމަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 2:30 ގަ އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފަށާފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމަށް އިބްރާހިމް މުހައްމަދު ދީދީއަށް 10 ދުވަހުގެ ފުރުސަތެއް ދިނެވެ.

އިބްރާހިމް ދީދީ ވިދާޅުވީ މި މައްސަލައަކީ 2012 ވަނަ އަހަރު ދައުވާކުރެވި އަދި 2015 ގައި ޓެރަރިޒަމުގެ ދައުވާކޮށް މައްސަލަ އަނބުރާ ގެންގޮސްފައިވާ މައްސަލައަކަށްވާއިރު، މި ދައުވާ އުފުލުމުގައި އިޖުރާއީ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އަލުން ދައުވާ ނުކުރާނެ ކަމަށް ބުނެ ޕްރޮސެކިއުޓާރ ޖެނެރަލް ލިޔުމެއް ދިނުމަށް ފަހު އަލުން ދައުވާ ކޮށްފައިވާއިރު މިފަދަ މައްސަލައެއް ކުރިއަށް ގެންދެވޭނީ ގާނޫނީ ވަކީލަކާއެކު ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ދައުވާ ނުކުރާނެ ކަމަށް ބުނެ 2015 ވަނަ އަހަރު ލިޔުމެއް ދިނުމަށް ފަހު، މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އަލުން ދައުވާކޮށްފައިވާތީ އިޖުރާއީ މައްސަލައެއްގެ ގޮތުގައި އިބްރާހިމް ދީދީ ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފަ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންދިއުމަށްފަހު، އަލުން އެ ދައުވާ އުފުލީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.

އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ކުރި ޓެރަރިޒަމުގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން 2015 ވަނަ އަހަރުގެ ޖޫން 25 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ދެން ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރިކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ. އެގޮތުން އިބްރާހިމް ދީދީއާއި،  ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ކާނަލް (ރޓޑ) މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 13 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޭރުގެ ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް