ކ. މާލެ
|
30 އޭޕްރިލް 2024 | އަންގާރަ 15:26
ޗައިނާގެ ޖައްވީ ސްޓޭޝަންގައި އާލާ ކުރާ ޒިބްރާފިޝްގެ ބިސްތައް އަލުން ބިމަށް ގެނެސް، އިތުރު ދިރާސާތައް ކުރުމަށް ވަނީ ނިންމާފައި
ޖައްވުގައި މަސްމަހާމެހި އާލާ ކުރުން
ޗައިނާއިން ޖައްވުގައި މަސްމަހާމެއްސާއި ސޫފާސޫފި އާލާ ކުރަނީ؟
 
އޯބިޓްތެރޭގައި އެކި ކަހަލަ ތަހުލީލުތައް ކުރިއަށްގެންދެވޭ ގޮތަށް ފަރުމާކޮށްފައި ހުރި ސައެންޓިފިކް ޗޭމްބަރުތަކެއް ހުރުމުން ޖައްވީ ސްޓޭޝަންގަ ޒީބްރާފިޝްއެއް ގެންގުޅޭ ބޮޑުކުރެވިދާނެ ކަމަށް ބުނޭ
 
ޒީބްރާފިޝްގެ ޓިޝޫތަކާއި، ގުނަވަންތަކާއި ނިޒާމުތައް ހުންނަނީ އިންސާނުންނާ އެއްގޮތަށް
 
ޒީބްރާފިޝްގެ ބިހަކީ، އެތެރެ ފެންނަ ގޮތަށް ހުންނަ ބިހެއް ކަމުން، އެމްބްރިޔޯ ހެދިބޮޑުވަމުން އަންނަ ގޮތް ސީދާ ގޮތުން ބަލައިލުމުގެ ފުރުޞަތު، ދިރާސާވެރިންނަށް އޮވޭ

އާރާއި ބާރު، ޝާނާއި ޝައުކަތަކީ ބައެއްގެ ހައިބަތު ދެއްކުމަށްޓަކައި ދީ އުޅޭ ސިފަކުރުންތަކެކެވެ. ފަހަރެއްގައިވެސް ސަބަބެއް ނެތިއެއް ނޫނެވެ. މި ދެންނެވި ފަދަ ޝަޚްސީ ލަޤަބުތަކާއި ސިފަކުރުންތަކަށް މި ދުނިޔޭގެ ބިންމަތީގައި ޤައުމުތަކުން ތަޅާފޮޅަމުން ގޮސް، އެ ވާދަވެރިކަން މިހާރު ގަދަވަމުން ދަނީ ޖައްވާއި ފަޒާގެ ތެރޭގައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، ޖައްވީ ބާރުތަކުގެ ލިސްޓުގެ 4 ވަނައިގައި އޮތް ޗައިނާއިން ދަނީ އެ ޤައުމުގެ ހައިބަތު ވަރުގަދަ ކުރުމުގެ ގޮތުން ޖައްވު ތެރޭގައި އާދަޔާ ޚިލާފު އެތައް މަޝްރޫޢެއް ހިންގަމުންނެވެ. ލިސްޓަށް އެންމެ ފަހުން އިތުރުވި އެއް ނަމްބަރަކީ، ޖައްވު ތެރޭގައި މަސް ގެންގުޅެން ހިފި ޢަމާޒެވެ.

ޗައިނާގެ ޖައްވީ ފަޅުވެރިންގެ ޒިންމާއަކީ، ޖައްވުގައި ގާއިމު ކޮށްފައި ވާ ޗައިނާގެ ޖައްވީ ސްޓޭޝަންގައި އެކުއަކަލްޗަރ މަޝްރޫޢެއް ހިންގުމެވެ. މި ތަހުލީލީ މަޝްރޫޢުގައި ބޭނުން ކުރަނީ އިންޑިއާއާއި ދެކުނު އޭޝިއާގެ ސަރަޙައްދުތަކަށް ހާއްސަ، ސާފު ފެނުގައި ދިރިއުޅޭ މަހުގެ ބާވަތެއް ކަމަށްވާ ޒީބްރާފިޝްއެވެ. މިއީ ޓޭންކުތަކުގައި މަސް ގެންގުޅޭ މީހުންގެ މެދުގައިވެސް މަގުބޫލު މަހެކެވެ.

ޗިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން މިދިޔަ ބުރާސްފަތި ދުވަހު އުދުއްސާލި ޝެންޖޯ-18 ޖައްވީ އުޅަނދުގެ 3 ފަޅުވެރިންނާއެކު، އިތުރު މެންބަރެއްގެ ގޮތުގައި ޒީބްރާފިޝްވެސް ބައިވެރިވިއެވެ. މި އާދަޔާ ޚިލާފު ތަޖުރިބާ މަޝްރޫޢު ކުރިއަށް ގެންދާ ދަތުރުގެ 3 ފަޅުވެރިންނަކީ ޔޭ ގުއާންގްފޫ، ލީ ކޮންގް އަދި ލީ ގުއާންގްސޫއެވެ. މިޝަން ކޮމާންޑަރަކީ ޔޭއެވެ.

އަހަރެމެން އިންސާނުންގެ އިތުރަށް، އެކި ކަހަލަ ސޫފާސޫތްޕާއި، ކުދި ޖަނަވާރުތައްވެސް ޖައްވުގަ އުޅޭނެޔޭ ވިސްނާލުމަކީ ވަރަށް އެހެންކަހަލަ ޖަޒުބާތުތަކެއް ގެނުވާ ކަމެއް. އިތުރު މަޚްލޫޤުތަކަކާ އެކީ ޖައްވީ މިޝަންތައް، އަހަރެމެންގެ ޖައްވީ ސްޓޭޝަންގެ ނިންމާލެވުން ވާނީ ވަރަށް ހިތްގައިމު ކަމަކަށް.
ޔޭ ގުއާންގްފޫ؛ ޝެންޖޯ-18 މިޝަން ކޮމާންޑަރ

ޖައްވުގައި އެކުއަކަލްޗަރ މަޝްރޫޢުތައް ހިންގިދާނެތޯ ބެލުމަށް ޗައިނާއިން ކުރިއަށް ގެންދާ ތަޖުރިބާތަކުގައި ޒީބްރާފިޝް ބޭނުން ކުރަން ނިންމީ، އެ ބާވަތުގެ މަހަކީ ޖެނެޓިކްސް ދިރާސާތަކުގައި އެންމެ އާންމުކޮށް ބޭނުން ކުރާ މަހުގެ ބާވަތަށް ވީމައެވެ. ޒީބްރާފިޝްއަކީ އިޔާދަވުމުގައި އިހުނަށްވުރެ ފުރިހަމަ ސިފަތަކަކާއެކު އިޔާދަވުމުގެ ޤާބިލުކަން ލިބިފައި ވާ މަހެކެވެ. އަދި ބިހުން ސެލްތައް އުފެދި މަހަކަށް ބަދަލުވަމުން އަންނަ ދުވެލިވެސް ހަލުވި މަހެކެވެ.

އަހަރެމެންގެ ޖައްވީ ސްޓޭޝަންގަ ޒީބްރާފިޝްއެއް ގެންގުޅޭ ބޮޑުކުރެވިދާނެ. އެއީ އެ ސްޓޭޝަންގައި ހުންނާނެ، އޯބިޓް ތެރޭގަ އެކި ކަހަލަ ތަހުލީލުތައް ކުރިއަށް ގެންދެވޭ ގޮތަށް ފަރުމާކޮށްފަ ހުރި ސައެންޓިފިކް ޗޭމްބަރުތަކެއް. އޭގެ ތެރޭގަ ކުދި ޖަނަވާރުތަކާއި، ސޫފާސޫފިވެސް ހިމެނޭ. މިވަގުތު އަހަރެމެންނަށް އޮތް ޓާސްކަކީ ޖައްވުގައި މަސް ގެންގުޅުން.
ޔޭ ގުއާންގްފޫ؛ ޝެންޖޯ-18 މިޝަން ކޮމާންޑަރ

ޒީބްރާފިޝްގެ ޓިޝޫތަކާއި، ގުނަވަންތަކާއި ނިޒާމުތައް ހުންނަނީ އިންސާނުންނާ އެއްގޮތަކަށެވެ. ޒީބްރާފިޝްގެ ބިހަކީ، އެތެރެ ފެންނަ ގޮތަށް ހުންނަ ބިހެއް ކަމުން، އެމްބްރިޔޯ ހެދިބޮޑުވަމުން އަންނަ ގޮތް ސީދާ ގޮތުން ބަލައިލުމުގެ ފުރުޞަތު، ދިރާސާވެރިންނަށް އޮވެއެވެ.

ޖައްވީ ސްޓޭޝަނަށް ވަދެފަ، ބިމުގަ ތިބި ޓީމުތަކާ ގުޅިގެން އަހަރެމެން މަސައްކަތް ކުރަމުން ދާނީ. ތަޖުރިބާގެ މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތްވެސް ނިންމާނީ ދެބައި މީހުން މަޝްވަރާކޮށްގެން. މިކަމަށް ބޭނުންވާ ޢާލާތްތައް ރާވާނެ ގޮތާއި، ބަލަންޖެހޭ ކަންކަން ބަލާނެ ގޮތްވެސް ނިންމާނީ ހަމަ އެހެން. މައުލޫމާތު އެއްކޮށް، ހިއްސާ ކުރުންވެސް ހަމަ އެހެން. ދުނިޔޭގެ ބިމުގަ އޮތް ޓީމުތަކާއި އަހަރެމެންގެ ކުރޫއިންގެ މަޝްރޫޢެއް މީ. އަހަންނަށް ހީވަނީ ވަރަށް ޝަޢުޤުވެރި މަޝްރޫޢަކަށް ވާނެހެން.
ޔޭ ގުއާންގްފޫ؛ ޝެންޖޯ-18 މިޝަން ކޮމާންޑަރ

ޝެންޖޯ-18ގެ މިޝަންގައި ޒީބްރާފިޝް ޖައްވަށް ގެންގޮސް، ޗައިނާގެ ޖައްވީ ސްޓޭޝަންގައި އެ މަސް އާލާ ކުރެވޭތޯ ބަލަނީ، މައިކްރޯގްރެވިޓީގެ ސަބަބުން މަހުގެ ހެދިބޮޑުވުމަށް ކުރާ އަސަރު ދެނެގަނެ، ޖައްވުގައި މަސްގެންގުޅުމުގެ ރޮނގުން އާދަޔާ ޚިލާފު ކުރިއެރުމެއް ހޯދުމުގެ ޢަމާޒުގައެވެ. މައިކްރޮގްރެވިޓީއަކީ އެއްޗެއްގައި ބަރުދަނެއް ނެތުމަށް ރިޢާޔަތް ކުރެވޭ ޙާލަތެކެވެ. ނުވަތަ ބިމަށް ދަމާ ބާރު އިންތިހާއަށް ދަށް ހާލަތެކެވެ.

ޗައިނާގެ ޖައްވީ ސްޓޭޝަންގައި އާލާ ކުރާ ޒީބްރާފިޝްގެ ބިސްތައް އަލުން ބިމަށް ގެނެސް، އިތުރު ދިރާސާތައް ކުރުމަށް ވަނީ ނިންމާފައެވެ. މަޝްރޫޢު ރާވާފައި ވަނީ، ކެމެރާތަކުގެ އެހީގައި ވަގުތުން ވަގުތައް މަންޒަރުތައް ފެންނަ ގޮތަށެވެ. ޒީބްރާފިޝްގެ ފުރަތަމަ ޖައްވީ ދަތުރުގައި 3 ފަޅުވެރިއަކު ބައިވެރިވި ނަމަވެސް، ބިމުގައި އޮތް ކުރޫއިންގެ ޢަދަދު ގިނައެވެ.

ޖައްވީ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ހިފާފައިވާ ވަރުގަދަ ޢަޒުމުގައި، ޖައްވު ތެރޭގައި އެކި ކަހަލަ ސޫފާސޫތްޕާއި، ކުދި ޖަނަވާރުތައް އާލާ ކުރެވޭތޯ ބެލުމަށްވެސް ވަނީ ރާވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް